Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވަގުތުން މިނިވަން ކުރަން އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިމްރާން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުގައި ހުރި ކޯޓަކަށް ހާޒިރުވުމުންނެވެ. އިމްރާން ހައްޔަރު ކުރީ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު 239 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އިމްރާން މިއަދު ހާޒިރުކުރުމުން ކޯޓުން ވަނީ އިމްރާންގެ ގާނޫނީ ވަކީލުން އެދުނު ގޮތަށް އިމްރާން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އިމްރާން ވަގުތުން މިނިވަން ކުރަން ވެސް ވަނީ އަމުރުކޮށްފަ އެވެ.

އިމްރާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސިޓީތަކުގައި އަންނަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު 2،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު 2022 ވަނަ އަހަރުގެ އޭޕްރިލްގަ އެވެ. އޭގެފަހުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިމްރާން ހަށިކޮޅަށް ބަޑީގެ ހަމާލާއެއް ވެސް ދީފައިވެ އެވެ.

ބޮޑުވަޒީރުކަމުން ދުރުކުރިފަހުން އިމްރާން އިސްވެ ހުންނަވާ އަންނަނީ އަަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ޕާކިސްތާނުގައި އިންތިހާބު އޮންނާނީ މިއަހަރު އޮކްޓޫބަރު މަހު އެވެ.