Last Updated: July 26, 11:10
Sunday, July 26, 2026
މުނިފޫހިފިލުވުން

ގުޗީގެ އެމްބެސެޑަރަކަށް އާލިއާ

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް ގުޗީގެ އެމްބެސެޑަރަކަށް އިންޑިއާގެ ބަތަލާ އާލިއާ ބަޓް ހަމަޖައްސައިފި އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފެޝަން ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ ގުޗީން ލިބުނު ފުރުސަތާ އެކީ އާލިއާވެފައި ވަނީ އެ ބްރޭންޑްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުކަން ލިބުނު އިންޑިއާގެ ފުރަތަމަ ސެލެބްރިޓީއަށެވެ. ގުޗީން ލިބުނު ފުރުސަތާ އެކީ 30 އަހަރުގެ ބަތަލާ ގުޗީގެ އުފެއްދުންތައް އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް މާކެޓް ވެސް އިޝްތިހާރުކޮށް ޕްރޮމޯޓްކުރާނެ އެވެ.

މި ވާހަކަ ގުޗީ އާއި އާލިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕްރޮމޯޝަނަލް ފޮޓޯތަކާ އެކީ ހިއްސާކޮށްފައިވެ އެވެ.

އެކްޓަރު ރަންބީރް ކަޕޫރާ ކައިވެނިކޮށް މިހާރު ދަރިއަކު ވެސް އޮތް ބަތަލާ އަށް ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެއްގެ އެމްބެސެޑަރުކަން ލިބުނު އިރު، ފެޝަނުގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ މި އަހަރުގެ މެޓް ގާލާގައި ވެސް އާލިއާ ބައިވެރިވި އެވެ. އަދި މި އަހަރުގެ އޮގަސްޓްގައި އޭނަގެ އަލަތު ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ކާމިޔާބު އަދި އެހާމެ ހުނަރުވެރ ބަތަލާ މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ ޖުލައި 28 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.