Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިޔާ މަޝްރޫޢުގެ ލޯނަކަށް ލުޔެއް ނުލިބޭ: އާބަންކޯ

އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް / ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓުގެ ކުލި ދެއްކުމުގައި ގެނައި ބަދަލުން އާބަންކޯއިން ނަގާފައިވާ އެއްވެސް ލޯނަކަަށް ލުޔެއް ނުލިބޭ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލިއަށް ސަރުކާރުން ގެނައި ބަދަލާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުލިއަށް ގެނައި ބަދަލު އާބަންކޯއިން ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން ގެނައި ބަދަލުތަކާއި އެކު މުޅި މަޝްރުޢޫއަށް ސަރުކާރުން މިހާތަނަށް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒް ކުރެވޭ ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރ އާތިފް ވިދާޅުވީ، އާބަންކޯއިން މިމަޝްރޫޢު އާއި ގުޅިގެން އެކުންފުނިން ނަގާފައިވާ އެއްވެސް ލޯނަކަށް ލުއި ނުލިބޭ ކަމަށެވެ.

" މި ޕްރޮޖެކްޓަށް ނަގާފައި ހުރި އެއްވެސް ލޯނަކަށް އިތުރު ލުޔެއް ކުންފުންޏަކަށް ނުލިބޭ. މި މިސްމެޗް ކުންފުނީގެ ކޭޝްފްލޯއިން މެނޭޖް ކުރަނީ " އާތިފް ވިދާޅުވިއެވެ.

އާތިފް ވަނީ ކުންފުނީގެ ކޭޝްފްލޯ ދަށްވާ ހާލަތުގައި ސަރުކާރުގެ ކުންފުންޏެއްވީމަ ކޭޝް ފްލޯ މެނޭޖް ކުރަން ސަރުކާރުން އެހީތެރިވެ ދޭކަން ފާހަގަކޮށްފައެވެ.

މީގެ ކުރީން ހިޔާ ފްލެޓުތަކުގެ ކުލިއަށް ބަދަލު ގެންނަން ގޮވަމުން ދިޔައިރު ސަރުކާރުން ބުނެފައިވަނީ، ހިޔާ ފްލެޓްތައް އެޅުމަށް ނަގާފައިވާ ލޯންތަކުގެ ސަބަބުން ކުލިއަށް ބަދަލު ގެންނަން ދަތިވާނެ ކަމަށެވެ. މިކަމާއި ގުޅިގެން ސަރުކާރުން މިއަދުވެސް ވަނީ ކުލިއަށް ބަދަލު ނުގެންނަކަން ފާހަގަކޮށް ހަމައެކަނި ކުލި ދެއްކުމުގައި ލުއި ގޮތެއް ހޯދައި ދެއްވިކަން ފާހަގަކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލި މީގެ ކުރިން ދައްކަމުން އައި 7500ރ. އިން 2200ރ. އުނިކޮށް 5300ރ. އަށް ކުލި ބަދަލު ކުރީ އެންމެ 7 އަހަރު ދުވަހުގެ މުއްދަތަައް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އޭގެ ސަބަބުން ކުލި ދެއްކުމަށް ކުރިން އޮތް 25 އަހަރުގެ މުއްދަތު 27 އަހަރަށް ބަދަލުވެގެންދާ ކަން ސަރުކާރުން ފާހަގަ ކުރެއެވެ. މި ބަދަލާއެކު މެއިންޓެނެންސް ފީ ލައިގެން ކުލީގެ ގޮތުގައި ޖުމްލަ ދައްކަން ޖެހޭނީ 6300ރ. ކަމަށް އާބަންކޯ ވަނީ ހާމަކޮށްފައެވެ.