މާލެ ސަރަހައްދުގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން މިހާރުވެސް އެބަ އޮތް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ކްރުއިޒް ޓާމިނަލް އަޅަން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމާއި ގުޅޭ މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް އީއްޔެ އާބަންކޯއިން ވަނީ ހާމަކޮށްފައެވެ. އަދި މިހާތަނަށް ހިއްކުމާއި މެދު ގޮތެއް ނުނިންމާއިރު، ބިން ހިއްކަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބިން ހޯދަން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، ކުރީގަ އިއުލާން ކުރެވިފައިވާ ފްލެޓާއި ގޯތި ދިނުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ވަރަށް މާލެ ސަރަހައްދުގައި ބިން އެބައޮތް ކަމަށެވެ.
" އަޅުގަނޑު ޔަޤީންކޯށް މިދަންނަވަނީ، މިހާރު އިއުލާން ކުރެވިފައި ހުރި ހައުސިންގް މަޝްރޫޢުތަކަށް؛ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިން ނެތިގެނެއް ނޫން. އެކަމަށް ބޭނުންވާ ބިން މިހާރުވެސް އެބައޮތް. އެކަން ކަށަވަރު ކުރުމަށް ފަހު އިއުލާން ކުރެވިފައި އޮތީ " މިއުވާން ވިދާޅުވިއެވެ.
މިއުންވާން ބިން ހިއްކުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ މަރުހަލާގައި އޮތުމުން އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް ވިދާޅުވީ، މާލެ ސަރަހައްދަކީ ތޮށް ޖެހިފައި އޮތް ސަރަހައްދަކަށް ވުމުން މިހާރު ހުރި މަޝްރޫޢުތަކުންވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރީގެ ޕްލޭންތަކަށް ބަަދަލު ގެނެސްގެން ނަމަވެސް ކުރަން ޖެހުނު ކަމެއް ކުރާނެ ކަމަށެވެ.
މިކަމާއި މެދު ކަންބޮޑުވާ ބޭފުޅުން މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް ދެކޮޅު ހައްދަވަނީ ތޯ، މިއުވާން ވަނީ ސުވާލު އުފައްދަވާފައެވެ.
ހުޅުމާލެގެ ފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާއިރު، މާލެ މި ސަރަހައްދަކީ ކުރީންވެސް ހުޅުމާލެ ހިއްކަން ވެލި ނަގާފައިވާ ސަރަހައްދެކެވެ. މީގެ އިތުރުން މ ފަޅަކީ އާބަންކޯ ކުންފުނީގެ އިހްތިޞާސް ދަށުގައި އޮތް ފަޅެއް ނޫން ކަަމަށް މާލެސީޓީ މޭޔަރ ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.