ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރަކާއި ހެލްތް ސްކްރީނިންގް ޕްރޮގްރާމެއް ކުރިއަށް ގެންދަން އާބަންކޯއިން ބުނެފިއެވެ.
މިމަހުގެ 12 ވަނަ ދުވަހު ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ވާއިރު މިކަން ފާހަގަކުރުމަށް އާބަންކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާތާއިވެސް ދިމާކޮށް މާދަމާ ހާވީރު 4 އިން 6 އަށް ހިޔާ ޕާކް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މި ހަވީރުގައި މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީގެ ހަރަކާތްތަކާއި އަދި ކުޑަކުދިންގެ މެދުގައި މަޤްބޫލު ރޮބޯ މޭންގެ ހަރަކާތްތަށްވެސް ފެނިގެން ދާނެ ކަމަށް އެކުންފިނިން ބުނެއެވެ.
މި ހަރަކާތުގެ މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި ވަގުތެއް ހޯދައިދީ، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން އެއްބައިވަންތަކަން އިތުރުކޮށް ގުޅުން ބަދަހިކުރުމެވެ. އަދި މުޖުތަމަޢުގައި ދިރިއުޅޭ މީހުންނަށް، ގެއިން ބޭރުގައިވެސް ދަރިންނަށް އުފާވެރި، ހަރުދަނާ، ޞުލްޙަވެރި މާޙައުލެއް ޤާއިމްކޮށް ދިނުމަކީވެސް ބޭނުމެއް ކަމަށް އާބަންކޯއިން ބުނެއެވެ.
ހަވީރުގެ އިތުރުން ހުޅުމާލެ 3 ސަރަހައްދެއްގައި މި ގަޑީގައި ހެލްތް ސްކްރީނިން ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމް އޮންނާނީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދު، ފޭސް އެކެއްގެ މޭރީ ބްރައުން ކައިރި، އަދި ހުޅުމާލޭގެ ފޭސް 2 ހިޔާ ޕާކު ސަރަހައްދުގައެވެ.
މި ޕްރޮގްރާމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ހިތުގެ ބަލިތަށް ފަދަ ގައިގަޔަށް ނާރާ ބަލިތަކަށް ސްކްރީން ކުރެވެނޭއެވެ. މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމުގެ ޓެސްޓުތައް ހަދާނެއެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި ދުޅަހެޔޮ ސިއްހަތަކަށް އާންމުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް އާބަންކޯއިން ބުނެއެވެ.