Last Updated: July 20, 17:54
Sunday, July 20, 2025
ޚަބަރު

ސިއްހީ ދާއިރާގެ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވޭ: ރައީސް

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ.

ރައީސް ޒުވާނުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުސާރައަށް މިމަހުން ފެށިގެން ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާޞިލްކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ މިންވަރަށް ފުޅާކުރެވެމުން ކަމުގައި ވިދާޅުވި އެވެ.

މިގޮތުން މިހާރު ކުރިއަށްދާ ޚިދުމަތްތަކާ އެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، އަދި މިއީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، ފަހިކޮށްދެވޭ ފުރުޞަތުތަކެއްކަން ފާހަގަކުރައްވައި، އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވުމަށް ޒުވާނުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޚީ ޚިދުމަތަށް ނުކުންނާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ އޭރާއި މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ކުރިން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަމުން އައީ ގައިންގަޔަށް އަރާ ބަލިތަކުގައި ނަމަވެސް، މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވުމަކީ، ދިރާސާކޮށް އެކަމުގެ ހަޤީޤަތް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅުއްވާފައިވާ "ޞިއްޙަތު އެންމެނަށް" މިޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުގައިވެސް، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރޭގެ ޖަލްސާގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ، ސަރުކާރުގެ ކޯވިޑް-19 އިޖާބައިގެ ޚުލާސާ ރިޕޯޓް ރައީސްގެ އަތްޕުޅަށް އަރުވާފަ އެވެ.