Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ތިލަފުށިން ދެ ބިން ވިލާ ކުންފުނިން ގަނެފި

ތިލަފުށި ފަޅަށް ދޫކޮށްލާފައިވާ އުޅަނދުތައް / ފޮޓޯ: އެޗްޑީސީ

ތިލަފުށިން 228 މިލިއަން ރުފިޔާއަށް ދެ ބިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ގަނެފިއެވެ.

މި ދެބިން ވިލާ ކުންފުނިން ގަނެ އެ މުޢަމަލާތަށްވާ 288،793،642.95ރ. ތިލަފުށި ތަރައްޤީއާއި ހަވާލުވެފައިވާ އެޗްޑީސީއަށް ދައްކާ ޙަލާސްކޮށްފައިވާކަން ސިވިލް ކޯޓުން މިމައްސަލާގައި ނެރެފައިވާ ހުކުމުން އެނގެއެވެ. މިގޮތުން ވިލާ ކުންފުނިން ގަނެފައިވަނީ 393،212 އަކަފޫޓުގެ ބިމަކާއި، 156،693 އަކަ ފޫޓު ބިމެކެވެ.

މި ދެބިމަށްވާ 228 މިލިއަން ރިފިޔާ އެޗްޑީސީއަށް ދައްކާ ޙަލާސްކޮށްފައިވާ ވުމާއެކު، މި ދެކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ވިޔަފާރި މުޢާމަލާތް ނިމިފައިވާ ކަމަަށް ކަނޑައަޅައި، ބިމުގެ މިލްކުވެރިކަން އެޗްޑީސީގެ ދަށުން ނަގައި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކުންފުންޏަށް ވަނީ ބަދަލުކޮށްފައެވެ. މި އެއްބަސްވުމުގައި ދެކުންފުނިން ސޮއިކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހުގައި ކަމަށް ސިވިލް ކޯޓުގެ ހުކުމުން އެނގެއެވެ.

ތިލަފުށިން ބިން ވިއްކުމަށް އެޗްޑީސީ ނުވަތަ މިހާރުގެ އާބަންކޯއިން އިއުލާންކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގައެވެ. އޭރު އެކުންފުނިން ބިން ވިއްކަން އިއުލާން ކުރަމުން ބުނެފައިވަނީ ވިއްކާ ބިމުގެ 90 އިންސައްތަ ބިން ހާއްސަ ކުރާނީ ދިވެހިންނަށް ކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިތަކަށް ޚާއްސަ ކުރެވިފައިވާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެޗްޑީސީން ދީފައިވެ އެވެ. މިއީ ދިވެހިންނަށް ވަޒީފާގެ ގިނަގުނަ ފުރުޞަތުތައް ލިބިގެންދާނެ މަޝްރޫޢެއް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ތިލަފުށި ތަރައްޤީކޮށް 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 50 ބިމެއް ވިއްކުމަށް އެޗްޑީސީން މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާން ކޮށްފައެވެ.