Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 30 މީހުން ޝަހީދުވުމުގެ އިތުރުން 90 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި 300 އަށް ވުރެ ގިނަ އިމާރާތަށް ވަނީ ގެއްލުން ލިބިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ރައްދުގައި ގާޒާއިން ވެސް ދަނީ ރޮކެޓުތައް ފޮނުވަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުން ވައިގެ ހަމަލާތައް އަމާޒުކުރަމުން އަންނަނީ އިސްލާމިކް ޖިހާދުގެ މެމްބަރުންނަށެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ އިސް ދެ ވެރިޔަކު ވަނީ މަރާލައިފަ އެވެ.

އިޒްރޭލުން ބުނީ އިސްލާމިކް ޖިހާދަށް ހަމަލާ ދޭން ފެށީ މިދިޔަ ހަފުތާގައި އެ ގްރޫޕުން އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްލާމިކް ޖިހާދުގެ 191 ސައިޓަކަށް ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމަށް އިޒްރޭލުން ބުނެ އެވެ.