ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު އެކްޓަރު ސިދާތު މަލްއުތުރާ މަސައްކަތް ކުރަމުން އަންނަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރީމިއާކުރަން އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑިއާތަކުން ބުނީ ޝޫޓިން ނިންމާފައި އޮތް ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން މަސައްކަތް ކުރަނީ ނޮވެމްބަރު ތެރޭގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ކަމަށެވެ. އެކަމަކު މިކަން އަދި ރޯހިތު ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
"އިންޑިއަން ޕޮލިސް ފޯސް" އަކީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން މިދިޔަ އަހަރު ހަދަން ފެށި އެއްޗެކެވެ. މީގެ ކާސްޓްގައި ޝިލްޕާ ޝެޓީ އާއި ވިވެކް އޮބެރޯއީގެ އިތުރުން ގިނަ ތަރިންތަކެއް ހިމެނެ އެވެ. އަދި މި މި ސީރީޒަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ރޯހިތުގެ އަލަތު ވެބް ސީރީޒެވެ.
"އިންޑިއަން ޕޮލިސް ފޯސް" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ބައެކެވެ. އޭގެ ދަށުން މިހާތަނަށް ގެނެސްދިން ފިލްމުތަކަކީ އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ދެ ފިލްމާއި ރަންވީރު ސިންގްގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ. އަދި ރޯހިތުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކޮމެޑީ ފިލްމު "ސާކަސް" އެވެ.
"އިންޑިއަން ޕޮލިސް ފޯސް" އިން ފުލުހެއްގެ ގޮތުގައި ބެލުންތެރިންނާ ބައްދަލުކުރަން ސިދާތު ތައްޔާރުވާ އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 15 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ޔޯދާ" އެވެ. ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "މިޝަން މަޖުނޫ" އެވެ.