އިނގިރޭސި ފުޓްބޯލް ރައިޓާސް އެވޯޑް، މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް އާލިންގް ހާލަންޑް ހޯދައިފި އެވެ.
މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑް މި އެވޯޑު ކާމިޔާބު ކުރީ ވަނީ 82 ޕަސެންޓް ވޯޓާއެކު އެވެ. ހާލަންޑާއި އެންމެ ކައިރިން ވާދަކުރީ އާސެނަލްގެ ދެ ކުޅުންތެރިން ކަމަށްވާ މާޓިން އޮޑެގާޑް އަދި ބުކާޔޯ ސަކާ އެވެ.
ހާލަންޑް ،22، ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 47 މެޗުގައި 51 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭގެތެރެއިން 35 ގޯލު ހާލަންޑް ކާމިޔާބު ކުރީ ޕްރިމިއާ ލީގުގަ އެވެ. އެއާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޖެހި ކުޅުންތެރިއާގެ ރެކޯޑު މުގުރާލައިފަ އެވެ.
ހާލަންޑް ސިޓީއާ ގުޅުނީ މިދިޔަ އަހަރު ކަމަށްވާއިރު ސިޓީއާއެކު ތިން ތަށި ހޯދުމުގެ ފުރުސަތު އޭނާ އަށް މި ސީޒަނުގައި އެބައޮތެވެ.
ފުޓްބޯލް ރައިޓާސް ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ޗެލްސީގެ އޮސްޓްރޭލިއާ ފޯވާޑް ސެމް ކާ އެވެ. މިއީ ކާ މި އެވޯޑު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. ކާ ވަނީ މި ސީޒަނުގައި ޗެލްސީގެ އަންހެން ޓީމަށް ކުޅެދިން 34 މެޗުގައި 26 ގޯލު ކާމިޔާބުކޮށްފަ އެވެ.