ޖުލައި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހައި ޖަޔާ ބައްޗަން ފެންނާނީ ނެގަޓިވް ރޯލަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ އަމީތާބް ބައްޗަން އަންހެނުން ކަރަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެއްގައި މަސައްކަތްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ އަމީތާބް ވެސް ރޯލެއް ކުޅުނު 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އެވެ. ޝާހްރުކް ޚާނާއި ކާޖޮލް އަދި ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް ވެސް ކާސްޓްގައި ހިމެނޭ އެ ފިލްމުގައި އަމީތާބާއި ޖަޔާ ކުޅުނީ ދެމަފިރިންގެ ރޯލެވެ.
"ކަބީ ހުޝީ ކަބީ ޢަމް" ގެނެސްދިންތާ 22 އަހަރު ފަހުން ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ރޯލެއް ޖަޔާ ކުޅުނު ނަމަވެސް އެ ރޯލާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ. އެކަމަކު މީޑިއާތަކުން ބުނީ ޖަޔާގެ ރޯލަކީ ނެގަޓިވް ރޯލެއް ކަމަށާއި މިއީ ކެރިއަރުގައި އެފަދަ ރޯލަކުން 75 އަހަރުގެ ބަތަލާ ފެންނާނެ ފުރަތަމަ ކަމަށެވެ.
ޖުލައި މަހުގެ 28 އަށް ތާވަލުކޮޡްފައި އޮތް "ރޮކީ އޯރް ރާނީ ޕްރޭމް ކަހާނީ" އަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އަދި ކާސްޓްގައި ދަރުމެންދުރާ އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަށް ފަހު ކަރަން ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ ބުނެފައި ވަނީ މިއީ އަލަތު ޑައިރެކްޝަން ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތޭ ހޭ" ސްޓައިލްގެ ވަރަށް ލޯބި ފިލްމަކަށް ވާނެ ކަމަށެވެ.