ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އަދި މިހާތަނަށް ނުކުޅޭ ޖޯންރާއެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމަކީ ސުޕަނެޗްރަލް ތުރިލާއެކެވެ. އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭގެ "ޑްރިޝަމް 2" ގެ ޑައިރެކްޓަރު އަބީޝެކް ޕަތަކާއި އޭނަގެ ބައްޕަ ކުމާރު މަންގަތު ޕަތަކްގެ އިތުރުން އަޖޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް ހަދަން ނިންމާފައިވާ ފިލްމެކެވެ.
މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު އަމީތާބް ބައްޗަންގެ "ގުޑްބާއި" ގެނެސްދިން ވިކާސް ބާލް އެވެ. އޭނަ އަކީ ކަންގަނާ ރަނާވަތުގެ "ކްއީން" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ވެސް ޑައިރެކްޓަރެވެ. ވިކާސްގެ ކުރިއަށް އޮތް ފިލްމަކީ ޓައިގާ ޝްރޮފާ އެކީ އޮކްޓޯބަރުގައި ގެނެސްދޭން ނިންމާފައިވާ އެކްޝަން ތުރިލާ "ގަނަޕަތު: ޕާޓް 1" އެވެ.
އަޖޭއާ އެކު ވިކާސް މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މުމްބާއީގެ އިތުރުން މުސޯރީ އަދި އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްކޮށް، ކުޅުނު އަދި މާޗްގައި ރިލީޒްކުރި "ބޯލާ" އެވެ. ދެން އެންމެ އަވަހަށް އޭނަ ފެންނާނީ އަންނަ މަހަށް ތާވަލުކޮށްފައި އޮތް "މައިދާން" އިންނެވެ. މީގެ ކާސްޓްގައި އާރް މާދުވަން ވެސް ހިމެނެ އެވެ.