މާޗް މަހު ރިލީޒްކުރި ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މާޗް މަހުގެ 17 ގައި ރިލީޒްކުރި މި ފިލްމަކީ ނޯވޭގައި ދިރިއުޅެމުން ދިޔަ އިންޑިއާގެ ދެމަފިރިއެއްގެ ކުދިންތަކެއް އެ ގައުމުގެ ސަރުކާރުގެ ވެލްފެއާ އަށް ނެގުމުން، އެ ކުދިން އަނބުރާ ހޯދަން މަޔަކުވާ ގުރުބާނީ އަށް ބިނާކޮށް ގެނެސްދިން އެއްޗެކެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ކާސްޓްގައި އަނިރްބަން ބަޓަޗާރިއާ، ޖިމް ސަރްބް އަދި ނީނާ ގުޕްތާ ވެސް ހިމެނެ އެވެ.
މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2003 ގެ ފިލްމު "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީގެ އެންމޭ އެންޓައިންމަންޓުން ޕްރޮޑިއުސްކޮށް، އާޝިމާ ޗިބާރް ޑައިރެކްޓްކުރި ފިލްމެކެވެ.
ޖުމްލަ 30 ކްރޯޑް ރުޕީސް (3.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ބޮކްސް އޮފީހުގައި 36.53 ކްރޯޑް ރުޕީސް (4.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.