Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބެޓިކް އެއާ ރާއްޖެ އަށް އުދުހުން ފަށައިފި

މެލޭޝިއާގެ ބެޓިކް އެއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތަށް ފަށައިފިއެވެ.

ބަޖެޓް އެއާލައިން ބެޓިކް އެއާއިން ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ ރޭގެ 8:30 އެހައިކަށް ހާއިރުއެވެ. ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓަކާއި އެކު މި ބޯޓަށް މަރުހަބާ ކިޔާފައިވާއިރު، މި ފްލައިޓުން 57 ފަސިންޖަރުން ރާއްޖެ ވަނީ އައިސްފައެވެ.

އެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި، ބެޓިކް އެއާގެ ފްލައިޓްތަށް ކޮންމެ ދުވަހަކުވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ލަންކާ މަގުން މެލޭޝިއާއަަށް ދެވޭ ގޮތަށް މިވަގުތު އުދުހުން ބައްޓަން ކުރެވިފައިވާއިރު، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސީދާ މެލޭޝިއާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގް 737 މަރުކާގެ 180 މީހުންގެ ޖާގައިގެ ބޯޓެވެ.

މަލިންޑޯއެއާގެ ނަމުގައި މީގެ ކުރިން އޮޕަރޭޓް ކުރި ބަޓިކް އެއާ ރީބްރޭންޑްކޮށް ގިނަ މަންޒިލްތަކަށް ދަތުރު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ރާއްޖެ ހިމެނޭހެން 50 މަންޒިލަކަށް ދަތުރު ކުރެއެވެ. މީގެ ތެރޭގައި ބަޓިކް މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނެއެވެ. މީގެ ސަަބަބުން މި ސަރަހައްދު ތަކުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.

ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.