Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހަސަން ކުރުސީ "ކޮރަޕްޝަނަށް" ގޮވުމުން ފުލުހަށް

އައްޑޫ މޭޔަރު އަލީ ނިޒާރު (ވ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު.

ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ދައުލަތުގެ އިދާރާތަކާއި މީހުންނަށް އަމާޒުކޮށް ކޮރަޕްޝަންގެ ތުހުމަތުތައް ޓްވީޓްގައި ކުރަމުންދާ ހަސަން ކުރުސީގެ މައްސަލަ ފުލުހަށް ހުށަހަޅާނެކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހަސަން ކުރުސީގެ މައްސަލަ އައްޑޫ ކައުންސިލްގެ ފަރާތުން ލާނެ ކަމަށް މޭޔަރ ވިދާޅުވީ، އައްޑޫސިޓީ ކައުންސިލުމް ހިތަދޫގައި އެޕޯލޯ ކުރީގެ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ޓްވީޓް ކުރަން ފެށުމުންނެވެ.

މި މައްސަލާގައި މައިގަނޑު ތުހުމަތު އަމާޒުވަނީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އަށެވެ. އޭނާއާއި އެކު މޭޔަރު އަލީ ނިޒާރު ހިމެނޭހެން 5 ކައުންސިލަރަކަށް ތުހުމަތު ކުރެވެއެވެ.

މިގޮތުން އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި ފުރަތަމަ ބިޑް ކޮމެޓީ އުވާލައި ދެވަނަ ކޮމެޓީއެއް އުފައްދައި ކައުންސިލަރުން ކޮމެޓީގައި ތިބެ، އިވެލުއޭޝަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި ކުއްޔަށް މިހާރު ދީފައިވާ ފަރާތަކީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތް ނޫން ކަމަށާއި، އަދި އެ ގުދަން އިއުލާނާއި ޙިލާފަށް ސަބްލީސް ކޮށްފައިވާ ކަމަށް ޓްވީޓުތަކުގައި ތުހުމަތު ކުރެއެވެ.

މި ޓްވީޓުތަކާއި ގުޅިގެން އައްޑޫ މޭޔަރު ނިޒާރު ޓްވީޓް ކުރައްވާ ވިދާޅުވީ، ހަސަން ކުރުސީގެ ނަމުގައި “ވަގު” ޓްވިޓަ ހެންޑަލް އަކުން ސިޓީ ކައުންސިލް ބަދަނާމު ކުރުމަކީ ކަންބޮޑުވާ ކަމެށް ކަމަށެވެ. އަދި މިކަން ކުރާ ފަރާތަކީ ފިތުނަވެރިއެއް ކަމަށާއި މިކަން ބަލައި ތަހުޤީގު ކުރުމަަށް ފުލުހުގައި އެދޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިތުރަށް ކުރެއްވި ޓްވީޓެއްގައި މިކަން ބައްލަވައި ފިޔަވަޅު ނާޅުއްވައި ތިއްބެވުމަކީ ކަމާއި ގުޅޭ ވަޒީރުންގެ ފެއިލިއަރއެއް ގޮތުގައި ވަނީ ބުނެފައެވެ.

ހަސަން ކުރުސީ ކިޔާ ޓްވިޓަ އެކައުންޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ މަހު ފަހުކޮޅު ހާމަކޮށްފަ އެވެ. މި އެކައުންޓުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އޮޅެމުންދާ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ.