ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އެންގޭޖްމަންޓް ހަފުލާގައި ބައިވެރިވުމަށް ޕްރިޔަންކާ ޗޯޕްޅާ މިއަދު އިންޑިއާ އަށް ގޮސްފި އެވެ.
މި ދެ ބަތަލާއިންނަކީ ދެބޭންގެ ދެދަރިންނެވެ. ޕަރިނީތީގެ އެންގޭޖްމަންޓަށް ޕްރިޔަންކާ އިންޑިއާ އަށް ދިޔައީ ފިރިމީހާ ނިކް ޖޯނަސް އާއި ދަރިފުޅު މާލްތީ މާރީ ޖޯނަސްއާ ނުލަ އެވެ.
އެ މީހުންނާ އެކީ އެންމެ ފަހުން ޕްރިޔަންކާ އިންޑިއާ އަށް ދިޔައީ މިދިޔަ މަހު އެވެ. އެއީ އެ މަހުގެ 28 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި އޭނަގެ ސީރީޒް "ސިޓަޑެލް" ގެ ޕްރޮމޯޝަނަށެވެ.
ޕަރިނީތީގެ އެންގޭޖްމަންޓް ހަފުލާ މިއަދުގެ ވަގުތެއްގައި އޮންނާނީ ވެރިރަށް ނިއު ދިއްލީގަ އެވެ. މިކަމަށް މިހާރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ޕަރިނީތީގެ ލޯބިވެރިޔާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރާގަވް ޗައްޑާ އެވެ. އޭނަ އަކީ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ (އާޕް) ގެ މެމްބަރެއްގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.
ޕަރިނީތީ، 34، އާއި ރާގަވް، 34، އަކީ ވަރަށް ކުރިއްސުރެ ގާތް ދެ ރައްޓެހިންނެވެ. އެ ދެ މީހުން ކިޔެވީ އެކީގައި އިނގިރޭސިވިލާތުގަ އެވެ.
ޕަރިނީތީ އާއި ރާގަވް ކައިވެނި ކުރަން އުޅޭ ވާހަކަ މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ދެކެވެން ފެށި ފަހުން އެ ދެ މީހުން އެކީގައި ތަންތަނުން ފެނުން ވެސް ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އެކަމަކު ގުޅުމާ ބެހޭ ގޮތުން ޕަރިނީތީ މިހާތަނަށް މީޑިއާގައި ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރިޕޯޓްތައް ގޮތުން އޭނަގެ އެންގޭޖްމަންޓް ހަފުލާގައި ބޮލީވުޑްގެ ބައެއް ފަންނާނުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރް ހިމެނެ އެވެ. އެންގޭޖްމަންޓް ހަފުލާ އޮންނާނީ ހަވީރު އެވެ.