ވެރިކަމަކީ މީހަކު ބޭނުންވާއިރަށް ލިބޭއެއްޗެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އިމްރާން ވިދާޅުވީ، ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ އެއްޗެއް ކަމަށެވެ.
"ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫން." އިމްރާން ވިދާޅުވިއެވެ.
Verikamakee meehaku hama beynunvaairah libey ehcheh noon.
Verikamakee ekan dhehvaa meehun imthihaan kurehvumah Allah dhehvaa ehcheh.
— Imran Abdulla (@ShimranAb) May 13, 2023
އިމްރާން މިފަދައިން ޓްވީޓްކުރެއްވިއިރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވަނީ މިނިސްޓަރު އިމްރާންގެ އަދާލަތު ޕާޓީ އަދި މައްޝޫރު ވިޔަފާރިވެރިޔާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އެމްޑީއޭ އިންނެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމެވެ. ޤާސިމް އަންނަވަނީ އިންތިހާބަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަމުންނެވެ. އަދި އިތުރު ބައެއް ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް އަންނަނީ ކުރައްވަމުންނެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ އެމްޓީޑީ އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ރައީސްކަން ކުރައްވާ އެމްއާރްއެމް ހިމެނެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެމަނިކުފާނަށް އިންތިހާބަށް ވާދަނުކުރެވޭ ހާލަތެއްގައި ކަން ކުރާނެ ގޮތެއް އިދިކޮޅުން ހާމަނުކުރެއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެ ޕާޓީން ބުނަމުން އަންނަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ބޮޑަށް ލަފާކުރެވެނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށެވެ.
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަންނަވަނީ އެމަނިކުފާނުގެ ޕާޓީ، އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރުމަށް ނިންމަވާ، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.