“އަޅުގަނޑަށް ފެނުނީ މާލެ ކައިރީ ރަށަކުން ގޮނޑުދޮށުގައި އިންދާ، ފަތުރުވެރިއަކު ފުޅި ނަގަނިކޮށް. މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫންތޯ؟” މިއީ ބިއްލޫރި ފުޅީގައި ފެން ބަނދުކުރުމުގެ ހިޔާލު އައިގޮތް ކިޔައިދޭން، ފައިން ޑިއު ގެ ވެރިޔާ އަބްދުﷲ ފާއިޒް ފެށިގޮތެވެ. ރިސޯޓުގައި އެތަށް ދުވަހެއް ހޭދަކޮށްފައި އަބްދުﷲ ބެނުންވީ ތިމާވެއްޓާއި ގުޅޭ ޕްލާސްޓިކް ފުޅި މަދު ކުރެވޭނެ ވިޔަފާރިއެކެވެ.
ފައިން ޑިއު ނަމުގައި ބިއްލޫރި ފުޅީގައި ފެން ބަނދުކޮށް ވިއްކާ ހިތަދޫއަށް ނިސްބަތްވާ އަބްދުﷲ ފާއިޒްގެ ވިޔަފާރި ރޭ ރަސްމީކޮށް މިވަނީ ލޯންޗުކޮށްފައެވެ.

މިއީ ސައްތައިން ސައްތަ އައްޑޫ އުފެއްދުމެކެވެ. ފައިން ޑިއު ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ބްރޭންޑް ލޯންޗުކޮށް ދިނީ، އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުއެވެ. މިފެން ބަނދުކުރާ ގޮތް ގާތުން ބައްލަވާލެއްވުމަށް ފަހު މޭޔަރ ނިޒާރު ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިކަން ފެށިފައި މިވަނީ، ހީވެސް ނުކުރާހާ ފުރިހަމަކޮށް ކަމަށެވެ.
“ތިމާވެއްޓާއި ގުޅޭގޮތަށް މިކަން މިފެށީ. ބިއްލޫރި ފުޅީގައި ބަނދު ވެގެން ވިއްކީމަ ހަމަގައިމުވެސް ސިންގަލް ޔޫޒް ޕްލާސްޓިކްއަށް ބަދަލު އަންނާނެ” ނިޒާރު ވިދާޅުވިއެވެ.
ފައިން ޑިއުގެ ފެން ގަންނަން މިހާރު ހުޅުވިފައިވާއިރު، އޯޑަރ ކޮށްލުމަށްވެސް ވަރަށް ފަސޭހަވާނެ ކަމަށް އެކުންފުނިން ބުނެެއެވެ. އެގޮތުން ފޯނު ނުވަތަ ވައިބަރ މެދުވެރިކޮށް އޯޑާ ކޮށްލެވޭއިރު، ގޭގެ ދޮރާއި ހަމައަށް ފެން ގެނެސް ދޭނެއެވެ. އަދި ފުޅި އަނބުރާ ދިނުމުން އެ ފުޅީގެ ބަދަލުގައި އައު ފުޅި ގެނެސްދޭ ފަސޭހަ ޙިދުމަތެކެވެ.

ވިޔަފާރި މިއަދު ފެށިއިރު 4 ސައިޒަކުން ފެން ފުޅި ވިއްކައެވެ. އެއީ 250 އެމްއްލެ، 500 އެމްއެލް، 750 އެމްއެލް އަދި 1000 އެމްއެލްއެވެ.
ފެން ކޭހުގެ އަގުތަކަށް ބަލާއިރު، 500 އެމްއެލްގެ 24 ފުޅީގެ ކޭހެއް ދެނީ، 58ރ. އަށެވެ. އެއަށްވުރެ ބޮޑު 750 އެމްއެލްގެ 12 ފުޅީގެ ކޭހެއް ދެނީ، 46ރ. އަށެވެ. އަދި އެންމެ ކުދި 250 އެމްއެލްގެ 24 ފުޅީގެ ކޭހެއް ދެނީ 40ރ. އަށެވެ.
މީގެ އެންމެ ހާއްސަ ކަމަކީ ބާޒާރު މަތިން ފެން ކޭހެއް ގަތުމަށް ވުރެ އަގުހެޔޮ ވުމެވެ. ފައިން ޑިއު އިން ބުނީ، ކުރިއަށް އޮތް ތަނުގައި ޑިމާންޑަށް ބަލައި މިއަށްވުރެ ބޮޑެތި ފުޅިވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
ފައިން ޑިއު ކުންފުނީގެ ވެރިޔާ އަބްދުﷲ ފާއިޒް ވިދާޅުވީ ފެނުގެ ކޮލިޓީ އަކީ، ކޮންމެ ދުވަހަކު ވެސް ޓެސްޓު ކުރެވި، ޤައުމީ މިންގަނޑެއްގައި ހުރިހާ ހުއްދައެއްވެސް ލިބި އަދި ޤަވާއިދުން ހުރިހާ ޓެސްޓެއްވެސް ހެދެމުންދާނެ ފެނެއް ކަމަށެވެ.
މިއީ 100 ޕަސެންޓްގެ އައްޑޫގެ ވިޔަފާރިއެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ފެށުމުގައި ވެސް ބޭނުން ވަނީ އައްޑޫ ރައްޔިތުންގެ ލޯތްބާއި އިތުބާރު ކަމަށެވެ.