Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރާއްޖޭގެ ޖީޑީޕީ 100 ބިލިއަން ފަހަނައަޅަނީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި މިކަންހާމަކުރައްވާ ވިދާޅުވީ، މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިޤްތިސާދީ ސިޔާސަތުތަކުގެ ނަތީޖާކަމަށެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު އެހެން ދާއިރާތަކަަށްވެސް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި 7.6 އިންސައްތަ 9.4 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އަދި އިގްތިސޯދުގެ ކުރިއެރުން މެދުރާސްތާގައިވެސް މަތީގައި ހުންނާނެކަމަށް ލަފާކޮށްފައިވެއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ އަދި ޗައިނާގެ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހުރި ހުރަސްތަކާއެކުވެސް 2021 ވަނަ އަހަރާއި އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖޭއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށެވެ. މިއީ ކޮވިޑަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެފައިވާކަން އަންގައިދޭކަމެއްކަމަށް ވިދާޅުވިއެވެ.

އަދި މިއަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުގޮތެއްގައި ހިނގަމުން އަންނަކަމަށާއި، މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %17.5 އިތުރުވެފައިވާކަމަށެވެ. މީގެއިތުރުން މިއަހަރު ޗައިނާގެ މާކެޓުން އަންނަ ފަތުރުވެރިންނާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު އަމީރު ލަފާކުރައްވާފައިވެއެވެ. އެގޮތުން ކުރިން އަންދާޒާކުރި 1.81 މިލިއަން ފަތުރުވެރިންގެ ބަދަލުގައި މިއަހަރު 1.93 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.