Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަނީ

ކުޅުދުއްފުށި އެއާޕޯޓް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ރޭ ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށެވެ. މިއީ ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީ ތިބި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.

ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ނައިޓްލޭންޑިންގް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި ނައިޓްލޭންޑިންގެ ޙިދުމަތް އެ ދެ އެއާޕޯޓުގައި ދެވެން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށި އެއާޕޯޓާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ އެއާޕޯޓު ތަކުގެ ތެރެއިން ރޭގަނޑު ހިދުމަތްދޭ އެއާޕޯޓުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކުޅުދުއްފުށި އެއާޕޯޓާއި، ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ފުވައްމުލަށް އެއާޕޯޓެވެ