Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝިވާންގީގެ ޗުއްޓީ ކަނޑިންމަ ރިސޯޓްގައި

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝިވާންގީ ޖޯޝީ ރާއްޖޭގެ ކަނޑިންމަ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެތަނުގައި ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށް 25 އަހަރުގެ ބަތަލާ ބުނީ ރާއްޖެ އަކީ އޭނަ ވަރަށް ގަޔާވާ ކަހަލަ ތަނެއް ކަމަށެވެ.

ޝިވާންގީ އެންމެ ފަހުން ފެނިފައި ވަނީ ކަލާސް އިން މާޗް މަހުގެ 18 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި ސުޕަނެޗްރަލް ސިލްސިލާ "ބޭގާބޫ" ގެ ހާއްސަ ރޯލަކުންނެވެ، އޭގައި އޭނަ ފެނުނީ ޕަރީއެއްގެ ރޯލުންނެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި 2016-2021 އަށް މަސައްކަތްކުރުމަށް ފަހު އެއިން ވަކިވެ، ޝިވާންގީ މިދިޔަ އަހަރު ކަލާސްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 12 ގައި ވާދަކުރުމުގެ އިތުރަށް އެ ޗެނެލްގެ ސިލްސިލާ "ބަލިކާ ވަދޫ" ސީޒަން ދޭއް ވެސް ކުޅުނެވެ.

މިހާރު އިންޑިއާގެ އެންމެ މަޝްހޫރު ޒުވާން ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝިވާންގީ ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވެ އެވެ.

ޝިވާންގީގެ އިތުރުން ބަތަލާ ކަރިޝްމާ ތަންނާ ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ސިލްސިލާތަކާއި ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ބަތަލާ ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ އިރު، މިހާރު އޭނަ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބެގްލިއޯނީގަ އެވެ.