Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

މޯލްޑިވްސް ޕޯސްޓަށް ގޯލްޑް އެވޯޑް ލިބިއްޖެ

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) ގެ ޚިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓާރ ތަކަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.

މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބާން ގައި ބޭއްވުނު އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގަ އެވެ.
މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދު އެވެ.

އެންމެ ފެންވަރު ރަގަޅު އީއެމްއެސް ޚިދުމަތްދޭ ފަރާތަށް ދެވޭ މިއެވޯޑަކީ އީއެމްއެސް ޙިދުމަތްދޭ 174 ގައުމުގައި ޚިދުމަތްދޭ ފެންވަރަށް ބަލާ ރޭންކް ކުރެވިގެން ދެވޭ އެވޯޑެކެވެ.

މިދިޔަ އަހަރު އީއެމްއެސް ޚިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ލިބިފައިވާއިރު، 2019 އަދި 2021 ވަނަ އަހަރު އެކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދާފަ އެވެ. ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާރ، އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ.

މޯލްޑިވްސް ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރު އާދަމް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގައި މޯލްޑިވްސް ޕޯސްޓް އިން ބައިވެރިވެ ޕޯސްޓްގެ ޚިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި މިއަހަރުވެސް އީއެމްއެސް ޕާރފޯމަންސް އަދި ކަސްޓަމާރ ކެއާރ އޮވޯޑް ހާސިލްކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ޚިދުމަތެވެ. މި ޚިދުމަތަކީ ޚަރަދު ކުޑަ ޚިދުމަތަކަށް ވާއިރު އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރ، ޔޫއޭއީ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެ އެވެ.