Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ޕަރިނީތީ އާއި ރާގަވް އެންގޭޖްވެއްޖެ

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ މިއަދު ލޯބިވެރިޔާ ރާގަވް ޗައްޑާއާ އެންގޭޖްވެއްޖެ އެވެ.

މިއަދު އިރު އޮއްސުނު ފަހުން ނިއު ދިއްލީގައި ބޭއްވި ކުލަގަދަ ހަފުލާގައި އެންގޭޖްވުމަށް ފަހު، އެ ހަފުލާގައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ޕަރިނީތީ ބުނީ ރާގަވް އަށް އާނއެކޭ ބުނެވިއްޖެ ކަމަށެވެ. އެ ދެ މީހުން މިއަދު އެންގޭޖްވުމާ ހަމައަށް ރާގަވްއާ ރައްޓެހިވެގެން އުޅޭ ކަމަށް ޕަރިނީތީ ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

އެކަމަކު މިއަދު އެންގޭޖްވެފައި މި ވަނީ އެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ވެސް މީޑިއާތަކުގައި ދެކެވޭތާ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ. ޕަރިނީތީ، 34، އާއި ރާގަވް، 34، އަކީ ވަރަށް ކުރިއްސުރެ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އެ މީހުން ލަންޑަންގައި ކިޔެވީ ވެސް އެކީގަ އެވެ.

ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރެއްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެކެވެ.

ދެހާސް އެގާރައިގެ ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ނުކުތް ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ކަޒިންއެކެވެ.