ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވޯލްޑް 15 މިލިއަން ޑޮލަރުގެ އެހީ ތެރިކަމެއް ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ.
ސަރުކާރު ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވޯލްޑް ބޭންކުން އެހީ ތެރިކަން ފޯރުކޮށްދެނީ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓުގެ ތެރެއިންނެވެ. މިއީ އެސްއޯއީ ތަކުގެ ހިންގުން އިސްލާހުކޮށް، އެސްއޯއީތައް ހިންގުމުގައި ޕްރައިވެޓް ސެކްޓަރ އިތުރަށް މަސްއޫލުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ދެވޭ އެހީއެކެވެ.
އެސްއެމްއީތަކަށް ދޭ އެހީތެރިކަމުގެ ތެރޭގައި، ޑިޖިޓަލް ފައިނޭންސް ދައިރާ ހަރުދަނާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައި ލޯން ލިބޭގޮތް ހަދައި، އައު މާކެޓުގައި ތަކުގައި ވާދަކޮށް ފުޅާކުރުމަށް އެހީތެރިވެދޭން ވަނީ ހަމަޖެހިފައެވެ.
ވޯލްޑް ބޭންކުން ރާއްޖެއާއި ނެޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް އެޗް. ހަދާދް ޒެވަރޮސް ވިދާޅުވީ، ކޯވިޑުގެ ސަބަބުން ރާއްޖޭ އިޤްތިޞާދު ފުޅާވުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ސަރުކާރު ހިއްސަވާ ކުންފުނިތަކާއި އަދި ޕްރައިވެޓް ސެކްޓަރއަށް ވެސް އަސަރު ކުރިކަން ފާހަގަ ކުރިއެވެ. އެހެން ކަމުން މިއީ މިވަގުތު އެސްއޯއީތަކަށް ބޭނުންވެފައިވާ އިސްލާހުތައް ގެންނަން ރަނގަޅު އެހީއަކަށް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މި އެހީތެރިކަމާއި ގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސީނިއަރ އެކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރ ސުހައިލް ކާސިމް ވިދާޅުވީ މި ޕްރޮގްރާމް އަމާޒު ކުރާނީ އެސްއޯއީތައް އިސްލާހުކޮށް، ޕްރައިވެޓް ސެކްޓަރ ވަރުގަދަކުރެވި އެސްއޯއީތަކުގެ ރެގިއުލޭޝަން އިސްލާހު ކުރުމަށް ކަމަށެވެ.
ރާއްޖޭގައި ސަރުކާރު ގިނަ ކުންފުނިތަކެއް ހުރިއިރު، މިއިން ގިނަ ކުންފުނިތަކަކީ އެއްވެސް ފައިދާ ނުލިބޭ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. ސަރުކާރުން ވަނީ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށްވެސް ނިންމާފައެވެ. އަދި މިދިޔަ މާރިޗު މަހު ޕްރައިވެޓައިޒް ކުރެވިދާނެ އެސްއޯއީތަކުގެ ލިސްޓެއް ވަނީ ޕީސީބީއަށް ފޮނުވާފައެވެ.