Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ޕޯލް ވޯކާގެ ދަރިފުޅު "ފާސްޓް އެކްސް" ގައި

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމުތަކުގައި ކުރިން މުހިއްމު ރޯލުތަކެއް ކުޅުނު އެކްޓަރު ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ، "ފާސްޓް އެކްސް" އިން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ވާހަކަ އޭނަ ވަނީ ފިލްމުގެ މަންޒަރެއްގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ހިއްސާކޮށްފަ އެވެ. މޮޑެލްއެއްގެ ގޮތުގައި މަސައްކުރާ 25 އަހަރުގެ މެޑޯ ބުނީ ބައްޕަގެ "ފާސްޓް އެންޑް ފިއުރިއަސް" ގެ ފުރަތަމަ ފިލްމު 2001 ގައި ރިލީޒްކުރި އިރު އޭނަގެ އުމުރަކީ އެންމެ އެއް އަހަރު ކަމަށެވެ. އަދި ބޮޑުވަމުން އައީ ބައްޕަ އާއި ފިލްމުގެ އެހެން ބައިވެރިން "ފާސްޓް" ގެ ފިލްމުތަކުގައި ކުރަމުން އައި މަސައްކަތް ވަރަށް ގާތުން ފެނި ކަމަށް މެޑޯ ބުންޏެވެ.

އެހެންވެ ބައްޕަގެ ލެގަސީ ދަމަހައްޓަން "ފާސްޓް" ގެ ފިިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި "ފާސްޓް" ގެ ޓީމް ދެކެ ވަރަށް ލޯބިވާ ކަމަށް މެޑޯ ބުންޏެވެ. މެޑޯ ބުނި ގޮތުގައި ބައްޕަގެ ދުނިޔޭގައި ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި ބްރޭންޑް ބާޓަލް އަކީ މިހާރު އޭނަގެ ވެސް އެންމެ ގާތް އެކުވެރިޔާ އެވެ.

މެޑޯ ރޯލެއް ކުޅުނު "ފާސްޓް އެކްސް" އިއްޔެ އިޓަލޯގެ ރޯމްގައި ޕްރީމިއާކޮށްފައިވާ އިރު، އާންމުކޮށް ސިނަމާތަކުގައި ފިލްމު ދައްކަން ފަށާނީ މި މަހުގެ 19 އިން ފެށިގެންނެވެ. މީގައި މެޑޯ ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ. އަދި މިއީ އޭނަ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ފާސްޓް އެކްސް" އަކީ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ 10 ވަނަ ފިލްމެވެ. މީގެ ފަހު ގެނެސްދޭނީ 2025 ގަ އެވެ.

"ފާސްޓް" ގެ ހަ ފިލްމެއްގައި މަސައްކަތްކުރި މެޑޯގެ ބައްޕަ ޕޯލް ވަނީ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި 2013 ގައި މަރުވެފަ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ "ފާސްޓް" ގެ ފިލްމަކީ 2015 ގެ "ފާސްޓް 7" އެވެ.

މި ފްރެންޗައިޒްގައި މެދުކެނޑުމެއް ނެތި މިހާތަނަށް އެންމެ މުހިއްމު ރޯލެއް އަދާކޮށްފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ވިން ޑީޒެލް އެވެ. އޭނަ އަކީ ޕޯލްގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ. އެގޮތުން މެޑޯ 2021 ގައި ކައިވެނިކުރި އިރު، ކައިވެނީގެ ހަފުލާގައި ބައްޕަ ޕޯލް ނެތުމުގެ ފަޅުކަން ވެސް ފިލުވައި ދިނީ ޑީޒެލް އެވެ.

"ފާސްޓް އެކްސް" 19 ގައި ބެލުންތެރިންނަށް ދޫކޮށްލާ އިރު، 340 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމު ޑައިރެކްޓްކުރީ ލުއީ ލެޓެރީ އެވެ. ޖުމްލަ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި 2021 ގައި ގެނެސްދިން "ފާސްޓް 9" އަކީ ބޮކްސް އޮފީހުގައި 726.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.