Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުރަތަމަ ޑިގްރީގެ އުސޫލު ކަނޑައަޅައި އާންމު ކޮށްފި

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އާ އުސޫލު އާންމު ކޮށްފިއެވެ.

"ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު" ނަމުގައި އާންމު ކޮށްފައިވާ އުސޫލުގައި ވަނީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ބަޔާން ކޮށްފައެވެ. އެގޮތުން ފުރަތަމަ ޑިގްރީ ސްކީމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާއިރު
އެމީހަކީ އުމުރުން 50 އަހަރު ފުރިފައި ނުވާ މީހަކަށް ވާންޖެހެއެވެ.

އުސޫލުގައި ބަޔާން ކޮށްފައިވާގޮތުން ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރަކީ ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފެށިނަމަ، މަޤްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ކިޔެވުން ހުއްޓައިލައިފައި ނުވާ ފަރާތަކަށް ވާންޖެހެއެވެ.

މީގެއިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދިން ލޯނެއްގެ އެއްވެސް ފައިސާއެއް ނަގައިފައިވާ ދަރިވަރެއް ނަމަ، އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަމުންދާ ނުވަތަ ދައްކައި ނިންމާއފައިވާ ދަރިވަރެއް ކަމުގައި ވާންޖެހެއެވެ. އަދި އެ ދަރިވަރަކީ ފުލްޓައިމް ކޮށް ކިޔަވާ ދަރިވަރަކަށް ވެސް ވާންޖެހެއެވެ. މީގެއިތުރުންވެސް ޖުމުލަ 13 ޝަރުތެއް އާ އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

މި އުސޫލުގައި ވަނީ ފުރަތަމަ ޑިގްރީއަށް ސަރުކާރުން ހަރަދުކުރާނޭ ގޮތުގެ އުސޫލުތަކާއި، ޕްރޮގްރާމް ބަދަލުކުރުމުގައި އަދި ކިޔަވާ މަރުކަޒު ބަދަލުކުރުމުގައި އަމަލުކުރާނޭ އުސޫލުތައްވެސް ބަޔާން ކޮށްފައެވެ.