ޖެންޑަ މިނިސްޓްރީން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕޭނަށް މިހާތަނަށް 358 ފެސިލިޓޭޓަރުން ތަމްރީނުކޮށްފައިވާ ކަމަޑށް އެ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑަ އިން ބުނީ ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިހާތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ ތަމްރީނުކުރި ފެސިލިޓޭޓަރުންނަކީ ގެވެށި އަނިޔާތައް ހުއްޓުވުމާއި އާއިލީ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާނެ މީހުންނެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައި ވެސް، ހުރިހާ ރަށަކުން މީހުން ބައިވެރިކޮށްގެން ދެ ދުވަހުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.
މި ޓްރެއިނިން ޕްރޮގްރާމްތަކުގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުޅޫމާތު ދެއެވެ. އަދި އާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެ އެވެ.
ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުބް ފެށގެން ކުރިއަށްދާ އިރު، އަދި ޓްރޭނިން ނުހިންގި އޮތީ ތިން އަތޮޅެކެވެ. އެއީ ހއ، ބ އަދި ކ. އަތޮޅެވެ. ޖެންޑް މިނިސްޓްރީން ބުނީ އަންނަ މަސް ނިމުމުގެ ކުރިން އެ ތިން އަތޮޅުގައި ވެސް ޓްރެއިނިން ޕްރޮގްރާމް ހިންގާނެ ކަމަށެވެ. ކަމަ
"ގެވެށި ގުޅުން" ޖުލައި 15، 2020 ގައި ފެށި ކެމްޕޭނެކެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުން ހިމެނެއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ބަޖެޓުންނާއި "ގެވެށި ގުޅުން" ކެމްޕެއިނަށް ޕާކިސްތާނު ސަރުކާރުން ދީފައޮވާ ފަންޑުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީގެ ދަށުން ގެވެށި ގުޅުމަށް ފީޗާ ފިލްމެއް ވެސް ހަދަން މިނިސްޓްރީން ނިންމާފައިވެ އެވެ.