ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ދޭކުން ވަކިވި ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ ޑިޝާ ޕަރްމަރް އަނެއްކާ ވެސް އެނބުރި އަންނަން ތައްޔާރުވާކަމުގެ އިޝާރާތެއް ދީފި އެވެ.
އެ ދެ މީހުންގެ އިންސްޓަގްރާމްގައި މިފަދަ އިޝާރާތެއް ދީފައި މި ވަނީ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2" މި މަހު 24 ގައި ނިންމައިލަން ހަމަޖެހުމާ އެކީގަ އެވެ. ނަކުލް އާއި ޑިޝާ ވަކިވި ފަހުން އޭގެ ލީޑް ކުޅެމުން އަންނަނީ ނިތީ ޓޭލާ އާއި ސަންދީލް ރާއީ އެވެ.
ނަކުލް އާއި ޑިޝާ ސިލްސިލާ އިން ވަކިވީ ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ބޭނުން ނުވުމުންނެވެ. އެކަމަކު މި ޖޯޑު އެނބުރި އަންނާނީ "ބަޅޭ އައްޗޭ ލަގުތޭ ހޭ 3" ކިޔާ އެއްޗަކުން ކަމަށްވެ އެވެ. އެކަން އަދި ކަށަވަރު ނުވިޔަސް، ދެ ތަރިންގެ އިންސްޓްގްރާމް ޕޯސްޓްގައި "އައްޗޭ ލަގްތޭ ހޭ" ލިޔެފައިވެ އެވެ.
ނަމަވެސް ޑިޝާ އާއި ނަކުލްގެ އެނބުރި އައުމާ ބެހޭ އެއްވެސް އެއްޗެއް ސޮނީއަކުން އަދި ނުބުނެ އެވެ. އެކަމަކު އެ މީހުން އާންމުކުރި ޕޯސްޓުން ފެންނަނީ އާ ޝޯގެ ޕްރޮމޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯކޮޅެއް ކަމަށް ބެލެވެ އެވެ. އަދި ވަރަށް އަވަހަށް އާ ސިލްސިލާގެ ޕްރޮމޯ ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ވެސް ބެލެވެ އެވެ.