ބައި ގަރުނަށް ބުރެ ގިނަ ދުވަސް އިންޑިއާގެ ފިލްމަކަށް ޝާހްރުކް ޚާންގެ "ޕަތާން" ބަންގްލަދޭޝްގެ ސިނަމާތަކުގައި ހުކުރު ދުވަހުން ދައްކަން ފެށުމާ އެކީ އެ ފިލްމުގެ ފޯރި ވަރަށް ގަދަވެއްޖެ އެވެ.
ފިލްމު ދައްކާ ސިނަމަތަކުގެ ތެރޭގައި ޝާހްރުކްގެ ފޭނުން ފިލްމުގެ ލަވަތަކަށް ނަށާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ އިރު، ފޭނުން މި ފިލްމު ޕްރޮމޯޓްކުރަން ޕްރޮމޯޝަނަލް ހަރަކާތްތަކެއް ވެސް އަންނަނީ ވަރަށް ފޯރީގައި ހިންގަމުންނެވެ.
"ޕަތާން" އަކީ 1971 ގެ ފަހުން ބަންގްލަދޭޝްގެ ސިނަމާތަކުގައި އެޅުވި ފުރަތަމަ ހިންދީ ފިލްމެވެ. ފަންސާސް ދެ އަހަރު ފަހުން ބޮލީވުޑްގެ ފިލްމުތައް އަލުން ބަންގްލަދޭޝްގައި ދައްކަން މި އަހަރު ނިމުމުން އެ ގައުމުގެ ފިލްމީ ދާއިރާގެ ބައެއް މީހުންނާއި ފިލްމީ ވިޔަފާރީގައި އުޅޭ ބައެއް މީހުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ.
އެގޮތުން އިންޑިއާގެ ފިލްމުތަކަކީ ހާއްސަކޮށް، ބޮލީވުޑްގެ ފިލްމުތަކަކީ މުސްލިމު އާބާދީއެއް އުޅޭ ބަންގްލަދޭޝްގެ އިޖުތިމާއީ އާންމު މިންގަނޑަށް މިހާރު ނުފެތޭ، ފިލްމުތަކެއް ކަމަށް ބުނެ، ބޮލީވުޑްގެ ފިލްމުތައް ނާޅުވާން ގޮވާފައިވެ އެވެ.
ނަމަވެސް "ޕަތާން" ގެ ޖާދޫގައި ބަންގްލަދޭޝްގެ މީހުން ޖެހި، ފިލްމުގެ ވިޔަފާރި ހީކުރި ވަރަށް ވުރެ މާ ބޮޑުތަނުން ވެސް ރަނގަޚު ކަމަށް މީޑިއާތަކުން ބުނެ އެވެ. އެގޮތުން ފިލްމު އެޅުވި ދުވަހު އެކަނި ވެސް 25 ލައްކަ ބަންގްލަދޭޝް ޓަކާސް ލިބިފައިވެ އެވެ.
ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޖޯން އަބްރަމް މުހިއްމު ރޯލުތައް ކުޅުނު އެކްޝަން ތުރިލާ "ޕަތާން" ރިލީޒްކުރީ ޖެނުއަރީ 25 ގަ އެވެ. އަދި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރި ފިލްމު ޑައިރެކްޓްކުރީ ސިދާތު އާނަންދެވެ.
"ޕަތާން" މިހާރު އޮތީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ވެސް ބަލާލެވޭ ގޮތަށެވެ.