މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ދައުލަތުގެ ހަރަދުތައް 28 އިންސައްތަ ބޮޑު ވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން އާންމު ކުރަމުން އަންނަ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައެވެ.
އެގޮތުން މިއަހަރުގެ މިހައިތަނަށް ދައުލަތުން ޖުމްލަ 15.9 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާއިރު މިދިޔަ އަހަރު ދައުލަތުން މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
ތަފާސްހިސާބަށް ބަލާއިރު، މިއަހަރު މި މުއްދަތުގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ކެޕިޓަލް ހަރަދުތަކެވެ. އެގޮތުން ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 4.8 ބިލިޔަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފައެވެ.
ފިނޭންސްގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރާ އަޅައި ބަލާއިރު 1.9 ބިލިޔަން ރުފިޔާ ވަނީ އިތުރުވެފައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ 1.7 ބިލިއަން ރުފިޔާ އިތުރުވެފައެވެ.