Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

"ލޯބިވެވިއްޖެ" ބަލާލަން އަފްތާބް އަތުވެއްޖެ

އޮލިމްޕަހުގައި މިހާރު ދައްކަމު އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ގެ ޓީމްގެ ދައުވަތަކަށް އިންޑިއާގެ ފިލްމީ ތަރި އަފްތާބް ޝިވްދަސާނީ މިއަދު ރާއްޖެ އަަތުވެއްޖެ އެވެ.

އޭނަ މިއަދު މެންދުރު ފަހުން ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާކީ ފިލްމުގެ ބަތަލު/ޑައިރެކްޓަރު އަލީ ސީޒަންގެ އިތުރުން ޕްރޮޑިއުސަރު އަލީ ޝާނީޒާއި ޕްރޮޑިއުސަރު އައިމިނަތު ޝަނާޒް އެވެ. އޮލިމްޕަހުގެ މިރޭ އަފްތާބް "ލޯބިވެވިއްޖެ" ބަލާނެ އެވެ.

މިހާރު ވަަރަށް މަދުމަދުން ފިލްމުތަކުން ފެންނަ އެކްޓަރު ރާއްޖޭގެ ފިލްމެއް ބަލާލަން މާލެ އައި އިރު، "ޓުއާނިވަލް" ގެ ނަމުގައި މި އަހަރުގެ ޖެނުއަރީ މަހު މާލޭގައި ބޭއްވި އިވެންޓްތަކެއްގައި ވެސް އަފްތާބް ބައިވެރިވެފައިވެ އެވެ. އޭރުގެ އިންޑިއާގެ ފަންނާނުންތަކެއްގެ ޓީމަކާއި ދިވެހި ފަންނާނުންތަކެއްގެ ޓީމެއް ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ވެސް ކުޅުނެވެ.

"ހަންގާމާ" އާއި "ކަސޫރު" އާއި "މަސްތު" އާއި "މަސްތީ" އަދި "ކިޔާ ކޫލް ހެ ހަމް" ފަދަ ފިލްމުތައް ކުޅުނު އަފްތާބް، 44، އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2019 ގެ "ސެޓާސް" އެވެ. އަފްތާބަކީ ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ފަންނާނެކެވެ. އޭނަ ކުޑައިރު ކުޅުނު ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ޝެހެންހާ" އަދި "ޗަލްބާޒް" ހިމެނެ އެވެ.

މި މަހުގެ 3 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި ސީޒަން "ލޯބިވެވިއްޖެ" އަކީ އިރޮޓިކް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

މި ފިލްމުގެ ޝޯތަކެއް އައްޑު އާއި ކުޅުދުއްފުށީގެ އިތުރުން ތިނަދޫގައި ވެސް ދައްކާފައިވާ އިރު، އިތުރު ގިނަ ރަށްރަށުގައި ފިލްމުގެ އަޅުވަން އަންނަނީ ތައްޔާރީތައްވަމުންނެވެ.