ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަށް ހާއްސަ ހަރަކާތެއް އަންނަ ޖޫން މަހު ބާއްވަން ޗާގޯސް މައްސަލާގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން އުފައްދަފާއިވާ އިއްތިހާދުން އިއުލާން ކޮށްފިއެވެ.
ޕްރެސް ކޮންފަރެންސްގައި ކުރީ ބަނޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން، އެމްއެންޕީ ކުރީ ހޯމް މިނިސްޓަރ އުމަރު ނަސީރު، އަދި ޖުމުހޫރީ ޕާޓީންވެސް ބައިވެރިވެއެވެ. އިދިކޮޅު ފަރާތްތަކުން އެއްވެ ބާއްވާ ޕްރެސް ކޮންފަރެންސް ސަރުކާރުން ދިވެހި ކަނޑު ވިއްކާލާފައިވާ ކަމަށާއި މިއީ ސަރުކާރުން ދިވެހި ރައްޔިތުންގެ ހައްޤަކަށް އަރައިގަތުން ކަމަށް ވަނީ ބުނެފައެވެ.
މި ޕްރެސް ކޮންފަރެންސްގައި މިމައްސަލާގައި ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުން ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މި އަންނަ މަހުގެ ދެވަނަ ދުވަހު ބޮޑު މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެ ކަން ވަނީ އިއުލާންކޮށްފައެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖޫން 2 ވާ ހުކުރު ދުވަހު ބާއްވާ މި އެއްވުމުގެ އިތުރުން ސަރުކާރުން ޗާގޯސް މައްސަލާގައި ޢަމަލު ކޮށްފައިވާ ގޮތް ބަލައި ނުގަންނަ ކަމަށް ބުނެ ހުރިހާ ފަރާތްތަކެއް ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ސިޔާސަތަކަށް އަބަދުވެސް ވާން ޖެހެނީ އެންމެ ފުރަތަމަ ދިވެހި ޤައުމު ކަމަށް ވުމުން، ކުރިއަށް އޮތް ދުވަސްތަކުގައި ކުރާ މަސައްކަތުން ދިވެހި ރައްޔިތުން ނުކުންނާނެ ކަމާއި އެއްވެސް މަސައްކަތަކަށް ފަސް ނުޖެހޭނެ ކަން ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ މަހު ބާއްވާ ރެލީވެސް އެކަން ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ޕެޓިޝަނާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝުކޫރު ވިދާޅުވީ މި ގޮވާލުމުގައި މައިގަނޑުކޮށް ދަންނަވާ ވާހަކައަކީ ދިވެހި ޤާނޫނުން ލިބިފައިވާ އަދި ދިވެހި މަސްވެރިން މަސްވެރިކަން ކުރަމުން އައި 200 ނޯޓިކަލް މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ ދިވެހި ރައްޔިތުންގެ ހައްޤު މުދަލަކުން ޤާނޫނުން ބޭރުން ކޮށްފައިވާ ކަމަކަށްވާތީ ސަރުކާރުގެ މިޢަމަލް ޤަބޫލު ނުކުރާނެ ކަމަށް ސަރުކާރަށް ދަންނަވާ ދެންނެވުމެއް ކަމަށެވެ.
އެގޮތުން މި ޕެޓިޝަނަށް ހުރިހާ އިދިކޮޅު ޕާޓީއަކާއި، މައްސަލާގައި އިއްތިހާދާއި އެކު ހަރަކާތްތެރިވާ ފަރާތްތަކުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ބައެއް ސޮއި މި ޕެޓިޝަނަށް ބޭނުން ކަމަށާއި މިއީ މައްސަލާގައި ޤާނޫނީ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތައް ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.