Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

އެސްޕަނިޔޯލް 4-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ރޭ ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާ އަށް ލީގު ކަށަވަރުވީ ރޭގެ މޮޅާ އެކު ތާވަލުގެ އެއް ވަނައިގައި 85 ޕޮއިންޓް ހަމަކޮށް، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑުގެ މައްޗަށް ނެގި 14 ޕޮއިންޓުގެ ލީޑާ އެކު އެވެ. ލީގުގައި ބާކީ އަދި ހަތަރު މެޗު އެބައޮތެވެ.

މިއީ ބާސާ އިން ލީގު ޗެމްޕިއަންކަން ހޯދި 27 ވަނަ ފަހަރެވެ. އަދި މިއީ 2019 ވަނަ އަހަރަށް ފަހު ބާސާ އިން ހޯދި ފުރަތަމަ ލީގު ތަށްޓެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީ ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 20 ވަނަ މިނެޓްގައި ބާސާގެ ދެވަނަ ގޯލު ޒުވާން ފުލްބެކް ބަލްޑޭ ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެވެންޑޯސްކީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބާސާގެ ހަތަރުވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ.

މި މެޗުގައި އެސްޕަނިޔޯލްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޕުއާޑޯ އާއި ޖޮސެލޫ އެވެ.

ލީގު ޗެމްޕިއަންކަން ބާސާ އިން ހޯދިއިރު މިއީ އެޓީމުގެ ކޯޗުކަމާ ޒަވީ ހަނާންޑޭޒް ހަވާލުވިފަހުން ހޯދި ފުރަތަމަ ލީގު ތަށްޓެވެ.