ޝާހްރުކް ޚާންގެ "ޑޮން 3" ގެ ސްކްރިޕްޓް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނެފި އެވެ.
އޭނަ އާއި ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން 2006 ގައި ގެނެސްދިން "ޑޮން" އާއި 2011 ގައި ގެނެސްދިން "ޑޮން 2" ގެ ތިން ވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ. އެކަމަކު މީގެ ސްކްރިޕްޓް ލިޔަން ފަރުހާން ފެށީ 2021 ގަ އެވެ.
އެ މަސައްކަތް އޭނަ ފެށީ އެ އަހަރު އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ ޝޫޓިން ލަސްކުރަން ޖެހުމާ ގުޅިގެންނެވެ. މި ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓާ އެކީ ހަދަން ނިންމާފައިވާ ރޯޑް ޓްރިޕް ފިލްމެކެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން މި އަހަރުގެ ފަހުކޮޅު "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފަރުހާން ފަށާނެ އެވެ.
"ޑޮން 3" އާ ބެހޭ ގޮތުން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ރިތޭޝް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ސްކްރިޕްޓް ފަރުހާން ނިންމަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އޭގެ ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށެވެ. އެކަމަކު މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް ނުދެ އެވެ.
"އަހަރެމެން އެންމެން ވެސް މި ތިބީ ޑޮން އަލުން ސްކްރީނުން ފެނުމުގެ އިންތިޒާރުގައި." ރިތޭޝް ބުންޏެވެ.
"ދިލް ޗާތާ ހޭ" އާއި "ލަކްޝިއާ" ފަދަ ފިލްމުތައް ގެނެސްދިން ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ "ޑޮން 2" އެވެ. ޝާހްރުކާ އެކީ ގެނެސްދިން "ޑޮން" އަކީ ފަރުހާންގެ ބައްޕަ ޖާވިދު އަހުތަރާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާ އެކު ޑައިރެކްޓަރު ޗަންދުރާ ބެރޮޓް 1978 ގައި ގެނެސްދިން ވަރަށް ކާމިޔާބު ކްރައިމް އެކްޝަން ތުރިލާއެކެވެ. އޭގެ ރޯލުތަކެއް ޒީނަތު އަމަން އާއި ޕްރާން ވެސް ކުޅުނެވެ.
ޝާހްރުކާ އެކީ "ޑޮން" ގެ ދެ ފިލްމުގައި ބަތަލާގެ ރޯލު ކުޅުނީ ޕްރިޔަންކާ އެވެ. އަދި އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އެވެ. އޭނަގެ ދެ ފިލްމެއް މި އަހަރަށް އަދި އެބައޮތެވެ. އެއީީ ސެޕްޓެމްބަރަށް ތާވަލުކޮށްފައި އޮތް "ޖަވާން" އާއި ޑިސެމްބަރަށް އޮތް "ދުންކީ" އެވެ.