Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

މާލޭގެ މަގުތަކަށް "މަގުފާރަވެރިން" ނެރެފި

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ނެރެން ނިންމައި އެ މަސައްކަތް ރޭ ރަސްމީކޮށް މުވައްޒަފުންނާ ހަވާލުކޮށްފި އެވެ.

"މަގުފާވެރިން" ގެ ގޮތުގައު 78 މީހަކު ވަނީ ނަގައިފަ އެވެ. އަދި އެ މީހުންނާ މަސައްކަތުގެ ލިޔުން ރޭ ވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ހަވާލުކޮށްފަ އެވެ. ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ 8 ޒޯނަކަށް ބަހާލައި، ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން "މަގުފާވެރިން" ގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހުމަދު ސައުދީއާ އެވެ.

މަގުފާވެރިންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުމާއި ޕެލެޓް ބެހެއްޓުމާއި މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުމާއި ޕާކް ކުރުމުގެ މައްސަލަތަކާއި ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރަން ޓްރެފިކް ބެލެހެއްޓުމާއި އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުން ފެށިގެން "މަގުފާވެރިން" މާލޭގެ މަގުތަކުގައި އެ މީހުންގެ ޒިންމާތައް އަދާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާނެ ކަމަށެވެ.

"މިއީ ބޮޑު ޒިންމާއެއް. އަޅުގަނޑުމެން މިކަން މި ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި ކުރަނީ،" އޭނަ ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަޒީފާ ވެސް ލިބިއްޖެ،"