އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
އެތަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މައްސަލަ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
— People's Majlis (@mvpeoplesmajlis) May 15, 2023
އޭޖީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައި އޮތް އިމުގެ މައްސަލާގައި އިޓޮލްސް އިން ނިންމި ނިންމުން ސަރުކާރުން ތާއިދުކުރުމާ ގުޅިގެންނެވެ. އެގޮތުން ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހުރީ ޕާޓީ އަދި އެމްއެންޕީ ގުޅިގެންނެވެ.
އޭޖީގެ އިތުރުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުން ބުނި އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ވެސް އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހުށަހަޅަން ނިންމާފައިވެ އެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ ޖަލްސާތައް އަންނަ ބުރާސްފަތީގައި އަލުން ފަށާނެ އެވެ.