Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ދަރިން ވެސް ވާނީ އެކްޓަރުންނަށް: ބޮބީ

އަމިއްލަ ދަރިން ވެސް ވާނީ އާއިލާގެ އެހެން މެމްބަރުން ގޮތަށް ފިލްމު ކުޅޭ މީހުންނަށް ކަމަށް އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.

މިހާރު އުމުރުން 54 އަހަރުގެ އެކްޓަރުގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެއީ އަރިއަމަން ޑިއޯލް، 22، އާއި ދަރަމް ޑިއޯލް، 18، އެވެ. އެ ދެ ކުދިން ވެސް މިހާރު އަންނަނީ އެމެރިކާގެ ނިއު ޔޯކް ޔުނިވަސިޓީގައި ކިޔަވަމުންނެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބޮބީ ބުނީ އޭނަގެ ދަރިންނާ މެދު ވަރަށް ފަހުރުވެރި ކަމަށާއި ތައުލީމީ ރޮނގުން ދަރިން ހޯދަމުން އަންނަ ކާމިޔާބީތަކާ ދޭތެރޭ ވަރަށް އުފާކުރާ ކަމަށެވެ. ބޮބީ ބުނި ގޮތުގައި ދަރިން ނިސްބަތް ވަނީ ފިލްމީ އާއިލާއަކަށް ވިިޔަސް، ދަރިންނަކީ އެހެން މީހުންނަށް ވުރެ ވަކި ހާއްސަ ބައެއް ނޫން ކަމަށެވެ.

"ވަރަށް ނޯމަލްކޮށް އަހަރެމެން ދަރިން ގެންގުޅެނީ. އަހަރެމެން ވެސް ބޮޑެތިވީ ހަމަ އެގޮތަށް. މިއީ ފިލްމީ އާއިލާއަކަށް ވިޔަސް އަހަރެމެން ނުދެކެން އަހަރެމެންނަކީ އެހެން މީހުންނާ ވަކި ހާއްސަ ތަފާތު ބައެއް ކަމަކަށް،" އެކްޓަރު ސަނީ ޑިއޯލްގެ ކޮއްކޮ ބުންޏެވެ. "އަހަރެންގެ އަމިއްލަ ދަރިންނަކީ ވެސް މީޑިއާތަކުގެ ސަމާލުކަން ބޭނުންވާ ބައެއް ނޫން. އަނެއްކާ އަހަރެމެންގެ އާއިލާގެ އެންމެންނަކީ ވެސް ވަރަށް ލަދުރަކި ބައެއް."

ދަރިން އެކްޓަރުންނަށް ވާނެ ކަމަށް ބޮބީ ބުނި އިރު، ދޮށީ ދަރިފުޅު އަރިއަމަން ވަރަށް އަވަހަށް ބޮލީވުޑަށް ނެރެން އުޅޭކަމުގެ އަޑުތަކެއް ވެސް މި ދޭތެރެއިން އެރި އެވެ.

ބޮބީގެ ބޭބެ ސަނީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ކަރަން ޑިއޯލް، 32، 2019 ގައި ބޮލީވުޑަށް ނުކުމެފައިވާ އިރު، ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް، 29، ވެސް މިހާރު އަންނަނީ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.

ސަނީ އާއި ބޮބީ އަކީ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދަރިންނެވެ.