ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ ފަޔަރ ފައިޓިން ކޯސް ފަށާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ޖުމްލަ 20 ބައިވެރިންނާއި އެކު އެކުންފުނިން ކުރިއަށް ގެންދާ ކޯސް ފަށާފައިވަނީ 7 މޭއި ވީ އާދީއްތަ ދުވަހުއެވެ. މިއީ އެކުންފުންޏާއި އަލަށް ގުޅުނު ފަޔަރ ފައިޓަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، އާރްސީއެލްގެ ދަށުން ހިންގާ އެއާޕޯޓްތަކުގެ އެމެޖެންސީ ޕްލޭނަށް އަހަލުވެރިކުރުމުގެ އިތުރަށް، އެއާޕޯޓް ސަރަހައްދުގައި ދިމާވެދާނެ އެކިއެކި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ޤާބިލްކަން ބައިވެރިންނަށް ދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
އެއް މަސް ދުވަހަށް ކުރިއަށް ގެންދާ ކޯހުގައި ކިޔަވައިދޭނީ، މިކަމަށް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އާރްސީއެލްގެ ޓްރެއިނަރުންނެވެ. މިއީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ކަމަށް ޤާބިލް އިންހައުންސް ޓްރެއިނަރުން ކަމަށް އެކުންފުނިން ބުނެއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އަލިފާން ނިންވާ ފަޔާރ ފައިޓަރުންގެ ތަމްރީނުތައް ފެށިފައިވާއިރު، ރާއްޖޭގައި ހުރި ހަމައެކަނި އެއާޕޯޓް ފަޔަރ ސިމިއުލޭޓަރ ޤާއިމް ކުރެވިފައިވަނީ އެކުންފުނީގެ ބެލުމުގެ ދަށުން ހިންގާ ހއ. ހޯރަފުށީ އެއާޕޯޓުގައެވެ.
ރާއްޖޭގެ އެވިއޭޝަން ދައިރާ ފުޅާކޮށް ހަރުދަނާ ކުރަން ބޭނުންވާ ތަމްރީން ސިނާޢަތައް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އާމާޒެއް ކަމަށް ވަނީ އާރްސީއެލްއިން ވަނީ ބުނެފައެވެ. މިއާއެކު ކުންފުނީގެ ބެލުމުގެ ދަށުން ޓްރެއިނިންގް އެކަޑަމީއެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންުފުނިން ބުނެއެވެ. އަދި އެކަޑަމީން އާންމުންނާއި އެހެން ކުންފުނިތަކުގެ މުވައްޒަފުންނަށް ތަމްރީން ދެވިގެން ދާނެ ކަމަށް އާރްސީއެލްއިން ބުނެއެވެ.