Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

އަފްތާބްގެ ޝުކުރު ސީޒަނަށް

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ލޯބިވެވިއްޖެ" ބަލަން ރާއްޖެ އަންނަން ދައުވަތު ދިނުމުން އިންޑިއާގެ ފިލްމީ ތަރި އަފްތާބް ޝިވްދަސާނީ އެ ފިލްމުގެ އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަނަށް ޝުކުރު އަދާކޮށްފި އެވެ.

އަފްތާބް ރާއްޖެ އައީ އިއްޔެ އެވެ. އަދި އޮލިމްޕަހުގައި އޭނަ ފިލްމު ބަލާނީ މާދަމާ ރޭގަ އެވެ.

އިއްޔެ ރާއްޖެ އައިސް އެއާޕޯޓްގައި ނެގި ފޮޓޯތަކަކާ އެކީ 44 އަހަރުގެ އެކްޓަރު އިންސްޓަގްރާމްގައި ސީޒަން ޓެގްކޮށް ބުނީ ރާއްޖެ ކަހަލަ ރީތި ގައުމަކަށް އަންނަން ދައުވަތު ދިނީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި "ލޯބިވެވިއްޖެ" އަށް ވަރަށް ބޮޑަށް އިންތިޒާކުރެވޭ ކަމަށް ވެސް ބުންޏެވެ.

އަފްތާބް މިފަދަ ޕޯސްޓެއް އޭނަގެ އިންސްޓަގްރާމްގައި އާންމުކުރި އިރު، މާދަމާ ރޭގެ ޝޯ ބަލަން ދާނެ ވާހަކަ އަފްތާބް ބުނާ ވީޑިއޯއެއް ވެސް ފިލްމުގެ ޓީމުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި އެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް އަފްތާބް މާލެ އައެވެ. އެ ފަހަރު އޭނަ އާއި އިންޑިއާގެ ފަންނާނުންތަކަކާއި ދިވެހި ފަންނާނުންތަކެއް ބައިވެރިކޮށްގެން "ޓުއާނިވަލް" ގެ ނަމުގައި ބޭއްވި ހަރަކާތްތަކަށެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އެކްޓަރު ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަންގާމާ" އާއި "ކަސޫރު" އާއި "މަސްތު" އާއި "މަސްތީ" އަދި "ކިޔާ ކޫލް ހެ ހަމް" ހިމެނެ އެވެ. އަދި އެންމެ ފަހުން އަފްތާބް ފެނިފައިވާ ހިންދީ ފިލްމަކީ 2019 ގެ "ސެޓާސް" އެވެ.

އަފްތާބަކީ ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ފަންނާނެކެވެ. އޭނަ ކުޑައިރު ކުޅުނު ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ޝެހެންހާ" އަދި "ޗަލްބާޒް" ހިމެނެ އެވެ.

ދެހާސް ސާދައިގައި ކައިވެނިކޮށް މިހާރު ތިން އަހަރުގެ އަންހެން ދަރިއަކު ވެސް ހުރި އަފްތާބްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ ކަންނާޑާ ފިލްމު "ކޯޓީގޮއްބާ 3" އެވެ.