Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހު 31 ގައި

އެސްޓީއޯ އަހަރީ އާންމު ޖަލްސާ ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭގަނޑު 8:30 ގައި, ހުޅުމާލެ ސެންޓްރަލް ޕާކު އަދި އޮންލައިންކޮށް, މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި އަހަރުގެ އޭޕްރިލް 24 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

އެސްޓީއޯއިން ބުނީ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމާފައިވާވަރު ހުށަހަޅައި ފާސް ކުރުން އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާގައި މިއަހަރަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމަށް ނަންތައް ފާސްކޮށް އާންމުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މީހަކު އައްޔަން ކުރުމަށް ފާސް ކުރާނެ އެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.