Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޗާގޯސް މައްސަލައިގެ ރަޢުޔެއް ބާ ކައުންސިލުން ނެރެނީ

ބާ ކައުންސިލުގެ މެންބަރު މަޖިލީހުގައި / ފޮޓޯ: މިހާރު

ޗާގޯސް މައްސަލާގައި ބާ ކައުންސިލުން ރަޢުޔެއް ނެރުމަށް އެކައުންސިލުން ނިންމައިފިއެވެ.

ދިވެހި ރައްޖޭ އާއި ޗާގޯސް ދެމެދު އޮތް ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅޭ ޤާނޫނީ ރަޢުޔެއް ބާ ކައުންސިލުން ނެރުމަށް ނިންމީ ކައުންސިލް މެންބަރަކު އެގްޒެކެޓިވް ކޮމެޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން އެ މައްސަލާގައި ބާ ޤާނޫނީ ރަޢުޔެއް ނެރުމަށް މެންބަރު އެދިފައިވާއިރު އެ މައްސަލަ ބަލައިގަނެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީއަށް އިތުރަށް ދިރާސާ ކުރަން ފޮނުވުމަށް ވަނީ ކައުންސިލުން ނިންމާފައެވެ.

މިކަމާއި ގުޅިގެން ބާ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، އާންމު މަސްލަހަތާއި ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރި މައްސަލަ ތަކާއި ގުޅިގެން ބާ ކައުންސިލުގެ ރަޢުޔެއް ނުވަތަ މަޢުލޫމާތު ހާމަ ކުރުމަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލީއްޔަތެއް ކަމަށެވެ. އެހެން ކަމުން ކައުންސިލުގެ ރަޢުޔެއް މިކަމުގައި ނެރުމަށް ކައުންސިލް މެންބަރަކު ހުށަހެޅީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ބާ ކައުންސިލަކީ 2019 ވަނަ އަހަރު ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މުޢައްސަސާއެކެވެ. ބާ ކައުންސިލުގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި ވަކީލުކަމުގެ ލައިސެންސް ދޫ ކުރުމާއި ޤާނޫނީ ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރުމެެވެ.