Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުޅުމާލޭގެ މަގުތަކުގައި ލައިޓް ޖަހައި ޑިވައިޑަރު ހަރުކުރަނީ

ހުޅުމާލޭ ފޭސް އެކެއްގެ މަގެއް / ފޮޓޯ: އައްޑޫލައިވް

ހުޅުމާލޭގެ މަގުތަށް އަމާން ކުރުމަށް، ބޮޑެތި މަގުތަކުގައި ޑިވައިޑަރު ޖަހައި ލައިޓް ހަރުކުރުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓް މަދު ކުރުމަށް ފުލުހުންނާއި ގުޅިގެން ހާއްސަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. މިގޮތުން މަގުތުކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޮޑެތި މަގުތަކުގައި ޑިވައިޑަރު ހަރުކުރުމަށް ވަނީ ނިންމާފައިވެއެވެ. މިއީ ޔޫޓާން ނަގާ ފަރާތްތަކަށް ޤަވާއިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ހަރުކުރެވޭ ޑިވައިޑަރުތަކެކެވެ.

މީގެ އިތުރުން ފައިމަގުގައި އުޅޭ މީހުން އިތުރު ކުރުމަށްވެސް މަސައްކަތެކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 8 ސަރަހައްދެއްގައި ޕެޑެސްޓްރިއަން ކްރޮސިންގް ލައިޓް ނުވަތަ މަގު ހުރަސް ކުރުމަށް ބޭނުން ކުރާ ޓްރެފިކް ލައިޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު މި ލައިޓް ދެ ސަރަހައްދެއްގައި ޓެސްޓް ކުރެވެމުންދާ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރަށްވެސް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުންނާއި އެކު މަޝްވަރާ ކުރެވި، ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލު ކުރާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ހުޅުމާލެ އަންނަ ފަރާތްތަކަށް ވިހާވެސް ބޮޑަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއިއެކު އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. ދާދި ފަހުންވެސް ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ވަނީ މަރުވެފައެވެ. މިއާއެކު ހުޅުމާލޭގެ ޓްރެފިކް ހުރި ގޮތާއި މެދު އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.