ބ. އޭދަފުށީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާ އަށް މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާން ދޭން ފަށައިފި އެވެ.
އިއްޔެ ހަވީރު ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސީރިއަސް ގެއްލުންތަކެއް ލިބުނީ 18 އަހަރުގެ ޒުވާނަކަށެވެ. އޭނަ އަށް އެންމެ ފުރަތަމަ ފަރުވާދިން ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޒުވާނަށް ބޮލަށް ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.
އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހާ އަކީ 40 އަހަރުގެ މީހެކެވެ. އޭނާ އަށް ވެސް ބައެއް ކަހަލަ އަނިޔާތައް ލިބިގެން ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ.
މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި އެކްސިޑެންޓްވި 20 އަހަރުގެ ޒުވާނަކަށް ފަރުވާ ދެނިކޮށް މިދިޔަ ހަފުތާގައި މަރުވެފައިވެ އެވެ.