މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުލަގަދަ ހަފުލާއެއްގައި އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކައިވެނި ކުރާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޕަރިނީތީ، 34 އާއި ރާގަވް ޗައްޑާ، 34، ގެ ކައިވެނި ހަފުލާ ވެސް ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށާއި އޮކްޓޯބަރު މަހުގެ ތެރޭގައި ހަފުލާ ބާއްވަން ނިންމާފައިވާތީ ދެ ފަރާތުގެ އާއިލާ އިން މިހާރު ވެސް އެކަމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ހަފުލާ ބޭއްވި ނިއު ދިއްލީގަ އެވެ. އަދި ކައިވެނީގެ ހަފުލާ ބާއްވާނީ ދިއްލީ ނުވަތަ ރާޖަސްތާނުގައި ކަމަށް މީޑިއާތަކުން ބުންޏެވެ.
ޕަރިނީތީގެ ބައިވެރިޔާ ރާގަވް އަކީ އިންޑިއާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ. އަދި އޭނަ ނިސްބަތް ވަނީ އާމް އާދުމީ ޕާޓީ (އާޕް) އަށެވެ. ރާގަވް އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.