Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އަމީތާބާއި އަނުޝްކާ ހެލްމެޓް ނޭޅި މައްސަލަ ބަލަނީ

ބޮލީވުޑްގެ ތަރިން ކަމަށްވާ އަމީތާބް ބައްޗަނާއި ބަތަލާ އަނުޝްކާ ޝަރުމާ ހެލްމެޓް ނާޅައި ސައިކަލްތަކެއްގައި ދަތުރުކުރި މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް މުމްބާއީ ފުލުހުން ބުނެފި އެވެ.

މި ދެ ތަރިން ހެލްމެޓް ނާޅައި، ސައިކަލްގެ ފަހަތުގައި ތިބެގެން ދަތުރުކުރި މަންޒަރުތަކެއް ފެންނަ ފޮޓޯ އާއި ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެ މީހުންނަށް ފިޔަވަޅު އަޅަން ވެސް ބަޔަކު ގޮވާފައިވެ އެވެ.

އަމީތާބް ހެލްމެޓް ނާޅައި މީހެއްގެ ސައިކަލްގެ ފަހަތުގައި ދަތުރުކުރި މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. އޭގައި އޭނަ ބުނީ ކާކުކަން ނޭނގޭ މީހާއާ އެކީ ސައިކަލްގައި މަސައްކަތަށް ދިޔައީ ޓްރެފިކުން ސަލާމަތްވާން ކަމަށެވެ. އަދި އެކަމަށްޓަކައި ދަތުރުކޮށް ދިން މީހާ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

އަނުޝްކާ ސައިކަލްގައި ހެލްމެޓް ނާޅައި ދަތުރުކުރީ އިވެންޓަކަށް ދަނިކޮށް، ގަހެއް ވެއްޓިގެން މަގު ބަންދުވުމުން ކާރު ބާއްވާފައި ދާން ޖެހުމުންނެވެ. އެގޮތުން އޭނަ ބޮޑީގާޑާ އެކު ސައިކަލްގައި ދާ ވީޑިއޯ އާންމުވި އެވެ.

އަމީތާބާއި އަނުޝްކާގެ މައްސަލަ އާންމުން ފުލުހުންގެ ސަމާލު ކަމަށް ގެނައުމުން މުމްބާއީގެ ފުލުހުން ބުނީ އެ ދެ މީހުންގެ މައްސަލަ މިހާރު ފުލުހުންގެ ޓްރެފިކް ބްރާންޗާ ހިއްސާކޮށްފައިވާ ކަމަށެވެ.

ބޮލީވުޑްގެ ބައެއް ތަރިން މީގެ ކުރިން ވެސް ޓްރެފިކް މައްސަލަތަކާ ހިލާފުވެގެން ފިޔަވަޅު އަޅާފައިވެ އެވެ.