ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލުމާ ދެކޮޅުހެދުމަކީ ގައުމީ ވާޖިބެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް މެންބަރުން މަސައްކަތް ކުރަމުން އަންނައިރު، އެކަމުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައްވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލުމަކީ ރާއްޖެއިން ބައެއް ވިއްކާލުން ކަމަށެވެ. އަދި އެއީ އެންމެ ބޮޑު ޚިޔާނާތް ކަމަށާއި، އެކަމާ ދެކޮޅުހެދުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލުމަކީ ރާއްޖެއިން ބައެއް ވިއްކާލުން. އެއީ އެންމެ ބޮޑު ޚިޔާނާތް. އެކަމާ ދެކޮޅުހެދުމަކީ ޤައުމީ ވާޖިބެއް.
— Waddey (@waddey_) May 16, 2023
ވައްޑެ މިހެން ވިދާޅުވެފައިމިވަނީ މި މައްސަލައިގައި އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެޕާޓީން ނިންމުމާގުޅިގެންނެވެ.
އަލީ އާޒިމް ވަނީ މި މައްސަލައިގައި އިދިކޮޅު ފަރާތްތަކާއެކު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް ސޮއިކޮށްފައިވެއެވެ.