މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވާ މައްސަލައިގައި ހަތަރު މެމްބަރަކަށް ފަހުގެ އިންޒާރު ދީފިއެވެ.
އެގޮތުން ޕާޓީން ވަކިކުރާނެކަމުގެ ފަހުގެ އިންޒާރު ދީފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފަށެވެ.
މަޖިލީހުގައި ނަގާ ވޯޓުތަކުގައި އެމްޑީޕީގެ މެންބަރުން ވޯޓުލާނެގޮތުގެ ވިޕްލައިން ޕާލިމެންޓަރީ ގްރޫޕުން ނެރޭއިރު އެ ވިޕްލައިނާ ހިލާފަށް ބައެއް މެންބަރުން ވޯޓުލާތީ އެކަމުގެ ފާޑުކިޔުން، ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ފަރާތުން އެ މެންބަރުންނަށް އަމާޒުވެއެވެ.
ވިޕްލައިނާ ހިލާފުވާ މައްސަލައިގައި ފިޔަވަޅު އަޅައިދޭން އެދިފައިވާއިރު އެމައްސަލައިގައި ނިންމާފައިވަނީ އެ މެންބަރުންނަށް ފަހުގެ އިންޒާރު ދިނުމަށެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ހަތަރު މެންބަރަކަށް ޕާޓީން ވަކިކުރުމުގެ ފަހުގެ އިންޒާރު ދީފައިވާއިރު، މިފަހުން ވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައެވެ.