މެންބަރުންގެ ރުހުމާނުލާ އެ މެންބަރުން މަޖިލީހުގައި ތިއްބަވާ ކޮމިޓީތަކުން ވަކިނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
މިފަހުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ރައިސް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންނަށް ބަދަލުގެންނެވުމަށް އެދި ހުށަހަޅާފައެވެ. އެގޮތުން 8 ކޮމިޓީއަކަށް ބަދަލު ގެންނެވުމަށް އެދި ހުށަހަޅާފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނެވިހާ ހިނދަކު މެންބަރުންގެ ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން އެއްވެސް މެންބަރަކު ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަކަށް ހިންގާން އޮންނަ ތަނެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއަކުންް ބޭނުންވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގައި ހިމެނޭ އެ ޕާޓީގެ މެންބަރެއްގެ ބަދަލުގައި އެޕާޓީގެ އެހެންް މެންބަރަކު އައްޔަންކުރަންް ކަމުގައިވާނަމަ، އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން އެކަން ލިޔުމަކުން މަޖިލީހުގެ ރައީސް އަންގަންވާނެ ކަމަށެވެ. އަދި އެލިޔުން މަޖިލީހުގެ ރައީސަށް ލިބުމުން، އެ މެންބަރުގެ އިއުތިރާޒެއް ނެތްކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކުރުމަށްފަހު، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުންނަށް އެކަން އަންގަންވާނެ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ، "ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެ މެންބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރުމަށް އިއުތިރާޒުކުރާ ހާލަތުގައި، އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުގެ ޖުމުލަ އަދަދުގެ އަގްލަބިއްޔަތުން އެ މެންބަރަކު އެ ކޮމިޓީން ބަދަލުކުރަން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ކަށަވަރު ކުރަންވާނެ" ކަމަށެވެ.
މަޖިލީހުގެ ކޮމިޓީތަކުގައި ތިބޭ އެމްޑީޕީގެ މެންބަރުންނަށް ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިވަނީ، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މެންބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވާއިރު، މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އަދި އިތުރު ހަތަރު މެންބަރަކަށް ވަނީ ޕާޓީން ވަކި ކުރުމުގެ ފަހުގެ އިންޒާރު ދީފައެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު ޗުއްޓީގައި އޮތްއިރު، ދެން މަޖިލިސް ފަށާނީ 18 މޭ ވާ ބުރާސްފަތިި ދުވަހުއެވެ.