ރާއްޖެއިން ބައެއް ގެއްލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހުމާލު އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސްއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް އެޑްހޮކް އާބިޓްރޭޝަން އުސޫލުން ކުރިއަށް ގެންދިއުމަށް މޮރިޝަސްއިން 18 ޖޫން 2019 ގައި ހުށަހަޅާފައިވާ ކަމަށެވެ.
އެހެންނަމަވެސް ރައީސް ސޯލިހްގެ ނިންމެވުމުގެ މަތިން އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖޭގެ ބައެއް ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިކަމުގައި މަޖިލިސްގެ ނިންމުމެއް ހޯދާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިހުމާލު އެބައޮތެވެ. ވީމާ، ޕާޓީއިން ވަކިކުރަންވީ މެންބަރު އަލީ އާޒިމް އެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
— Mohamed Nasheed (@MohamedNasheed) May 16, 2023
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައިވެސްވަނީ އެމްޑީޕީން ވަކިކުރަންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް މެންބަރުން މަސައްކަތް ކުރަމުން އަންނައިރު، އެކަމުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައްވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އަލީ އާޒިމް ވަނީ މި މައްސަލައިގައި އިދިކޮޅު ފަރާތްތަކާއެކު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް ސޮއިކޮށްފައިވެއެވެ.