Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝާހްރުކް "ޑޮން 3" ނުކުޅޭނެކަމުގެ އަޑުތަކެއް

ޝާހްރުކް ޚާން" "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމަށް އޭގެ ޓީމުން މިހާރު ތައްޔާރުވަމުން ދިޔަ ނަމަވެސް އޭނަ އެ ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ޝާހްރުކާއި "ޑޮން" ގެނެސްދޭ ޕްރޮޑަކްޝަން ހައުސް، އެކްސެލް އެންޓަޓައިންމަންޓްގެ ރަސްމީ ބަހެއް އަދިއެއް ނެތެވެ.

ފިލްމީ ޚަބަރުތައް ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ޑޮން" އަކީ މިހާރު ޝާހްރުކް ކުޅެން މާ ގަޔާވާ ޒާތުގެ ފިލްމެއް ނޫނެވެ. އެހެންވެ އޭގެ ތިން ވަނަ ބައިގައި ހިއްސާވުމުގެ އެއްވެސް ޝައުގުވެރި ކަމެއް އޭނަގެ ނެތެވެ. އަނެއްކޮޅުން "ޑޮން" ގެ ކުރީގެ ދެ ފިލްމުގައި އޭނައާ އެކީ ބަތަލާގެ ރޯލު ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ ކަމަށްވެފައި، އެ ދެ މީހުންގެ މެދުގައި ކުރިން ސިއްރު ގުޅުންތަކެއް ހިނގާފައިވާތީ އަންހެނުން ގޯރީ ޚާން އޮތީ ދެން ޕްރިޔަންކާއާ އެކީ ދުުވަހަކު ވެސް މަސައްކަތް ނުކުރަން އިންޒާރު ދީފަ އެވެ. އެހެންވެ އެ ސަބަބާ ހުރެ ވެސް ޝާހްރުކްގެ ޝައުގުވެރިމަން "ޑޮން 3" ނެތީ ކަމަށްވެ އެވެ.

ނަމަވެސް ތިން ވަނަ ބައިން ޕްރިޔަންކާ ފެންނާނެތޯ ނޫންތޯ ވެސް އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެކަމަކު ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު މިހާރު ހަދަން ތައްޔާރުވަމުން އަންނަ ފިލްމު "ޖީ ލޭ ޒަރާ" ގެ އެއް ބަތަލާ އަކީ ޕްރިޔަންކާ އެވެ. މި ރޯޑް ޓްރިޕް ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ އާލިއާ ބަޓާއި ކެޓްރީނާ ކައިފެވެ.

ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރީ 2011 ގައި ގެނެސްދިން "ޑޮން 2" އެވެ. އަދި މީގެ ފުރަތަމަ ބައި ރިލީޒްކުރީ 2006 ގަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ މީގެ ދެ ދުވަހެއް ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ "ޑޮން 3" ގެ ސްކްރިޕްޓް ނިންމުމުގެ މަސައްކަތް ފަރުހާން ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ޕްރޮޖެކްޓާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ޝާހްރުކް ތިން ވަނަ ބައި ނުކުޅޭނެކަމުގެ އަޑުތަކާ އެކީ ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ދެން ގެންނަން ބޭނުން ވަނީ ރިތިކް ރޯޝަން ނުވަތަ ރަންވީރު ސިންގް އިން ކުރެ ކޮންމެވެސް އެކެކެވެ. ފާހަގަކޮށްލެވޭ ކަމަކީ "ޑޮން 2" ގެ ހާއްސަ ފެނިލުމެއްގައި ރިތިކް ހިމެނޭކަމެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އެވެ. މި އަހަރަށް އަދި އޭނަގެ ދެ ފިލްމެއް އެބައޮތެވެ. އެއީ "ޖަވާން" އާއި "ދުންކީ" އެވެ.